ލާދީނީ ފިކުރާ ދެކޮޅަށް ގާނޫނު ހަދައި ބޮޑެތި އަދަބުތައް ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެކަން ކުށްވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނެސް، ބޮޑެތި އަދަބުތައް ކަނޑައަޅާފަ، ހަމަ އެ މިންގަނޑުން ލާދީނީ ފިކުރާ ދެކޮޅަށް ވެސް ގާނޫނު ހަދާ ބޮޑެތި އަދަބުރައް ކަނޑައަޅަންޖެހޭ ކަމަށެވެ.
"އެހެން ފަސްގަނޑެއްގައި ހުރެ ދީނުގެ ނަމުގައި ހަނގުރާމަކުރާ މީހާ ޖަލަށްލާފަައި މި ފަސްގަނޑުގައި ތިބެގެން އިސްލާމްދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެންދާނެ." އުމަރު ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ލާދީނީ ފިކުރާ ދެކޮޅަށް ބޮޑެތި އަދަބު ކަނޑައަޅަންޖެހޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ