ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ. ޑީޖޭއޭއިން މިއަދު ބުނި ގޮތުގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް އައްޔަން ކުރީ ސ.ހުޅުދޫ، ރަތްވިލާގެ، އަލްއުސްތާޒާ ރައުފާ ހައިދަރެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ އިއްޔެ އެވެ. ރައުފާ އެ މަގާމަށް އައްޔަން ކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑީޖޭއޭއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށް ޑީޖޭއޭއިން ބުންޏެވެ. ރައުފާ އަކީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާކަން ކުރައްވާފައިވާ ބޭފުޅެކެވެ. 8 އެޕްރީލް 2013 އިން 7 މެއި 2014އަށް އޭނާ ވަގުތީގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު އަދާ ކުރެއްވިއެވެ ރައުފާ އެންމެ ފުރަތަމަ ސުޕްރީމް ކޯޓާ ގުޅިވަޑައިގެންނެވީ 19 އޮކްޓޯބަރ 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމަށެވެ. އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަގާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން އޭނާ ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ