ދީނުގައި ކަންކަން އޮންނަ ގޮތާ މެދު އާއްމުން ވާހަކަދެއްކުން ރަނގަޅެއް ނުވާނެ: ނަޝީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓުގައި މުސްލިމުން ކޮށްގެން ނުވާނެ ކަންކަން އެބަހުރި ކަމަށާއި، އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ މެދު އާއްމު މީހުން ވާހަކަދެއްކުން ރަނގަޅު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދީނީ ހަރުކަށިކަން އޮންނަ މިންވަރާ ގުޅޭ ގޮތުން އެމްޑީއެން އިން މީގެ އަހަރުތަކެއް ކުރިން ތައްޔާރު ކުރި ރިޕޯޓެއްގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑު އެމްޑީއެންގެ ރިޕޯޓު ކިޔައިފިން. އޭގައި ނުރަނގަޅުކޮށް ކަންކަން ހުރިކަން ފާހަގަކުރަން. އެއިން އެއް ކަމަކީ މާތް ﷲ އާއި ކީރިތި ރަސޫލާއާ ބެހޭ ގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވުން. އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން،" ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ. Alhugandu MDN ge report kiyaifin. Eygai nuragalhukoh kankan hurikan faahagakuran. E in eh kamakee, Maiy Allah ai Keerithi Rasoolaa aai beheygothun ekasheegen nuvaa basthakeh genevifavun. E ee muslimun koggen vaane kameh noon.— Mohamed Nasheed (@MohamedNasheed) October 6, 2019
ނަޝީދު އެހެން ވިދާޅުވެފައި ވާއިރު، އެމްޑީއެން އިން ވެސް ވަނީ އެ ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ގަބޫލުކޮށް، އެ ޖަމިއްޔާގެ ވެބްސައިޓުން ރިޕޯޓު ނަގާފަ އެވެ. އަދި އެމްޑީއެން އިން ބުނީ ދީނީ އިލްމުވެރިއެއްގެ އެހީގައި އަލުން ރިޕޯޓު ލިޔުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ނަޝީދު މިއަދު އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭ ގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތަކެއް ކަމަށާއި، އެފަދަ ކަންކަމަށް އާއްމު މީހުން ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ ކަމަށެވެ.
ދީނީ އިލްމުވެރިން ވަނީ އެމްޑީއެން ރިޕޯޓުގެ މައްސަލާގައި ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި އިއްޔެ ވަނީ އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވާ، ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް އުފައްދަން ނިންމާފަ އެވެ. އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ފުލުހުން ވެސް ދަނީ އެމްޑީއެން ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެ ރިޕޯޓުގެ މައްސަލަ ހޫނުވެފައި ވާއިރު، އިއްޔެ ނަޝީދު ވިދާޅުވީ ދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރައަކީ ސިޔާސީ މަގުސަދުތަކަށްޓަކައި ދީން ހަތިޔާރަކަށް ހެދުން ކަމަށެވެ. Islam dheenakee enme furihama, enme mai adhi enme thahuzeebee dheen. Siyaasee furusathu hoadhumah Islaam dheen hathiyaareh ge gothugai beynun kurumakee alhugandah fenna gothugai enme bodah Islam dheenah furahsaara kurun.— Mohamed Nasheed (@MohamedNasheed) October 5, 2019
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ