ޕެނަލްޓީގައި 3-5 އިން ޕޮލެންޑްގެ މައްޗަށް ކުރި ހޯދާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފިއެވެ.
މި މެޗު ޕޮލެންޑުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ ދެވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑުނަގާފައެވެ. މި ގޯލް ޕޮލެންޑަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ކެޕްޓަން ރޮބަޓް ލެވެންޑޯސްކީއެވެ. ލެވެންޑޯސްކީގެ މި ގޯލަކީ، ޔޫރޯގެ ތާރީހުގައި ދެވަނައަށް އެންމެ އަވަހަށް ކުޅުންތެރިއަކު ކާމިޔާބުކުރި ގޯލަށްވާއިރު، މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މި ގޯލަށްފަހު ވެސް ޕޮލެންޑުން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ފުރަތަމަ ހާފްގެ ފަހުކޮޅު ޕޯޗުގަލްއިން ރަނގަޅަށް ކުޅެމުންދިޔައިރު، މެޗުގެ 33 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނާނީ ދިން ޕާހަކުން މި ގޯލް ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ، އުމުރުން 18 އަހަރުގެ ރެނާޓޯ ސަންޗޭސްއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ޕޯޗުގަލްއިންނެވެ. އެގޮތުން މި ހާފުގައި އެޓީމުގެ އިތުބާރު ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ޕޮލެންޑަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފުގެ ކުޅުމެވެ. ނަމަވެސް އެ ދެ ހާފު ކުޅެގެން ވެސް، ނަތީޖާއެއް ބަދަލެއް ނައުމުން ދެންޖެހުނީ ޕެނަލްޓީ ޖަހައިގެން ނަތީޖާއެއް ނެރުމަށެވެ.
ޕެނަލްޓީގައި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެނާޓޯ ސަންޗޭސް އާއި ނާނީ އާއި މުޓީނިއޯ އަދި ރިކާޑޯ ކުރެސްމާ ވަނީ ޕޯޗުގަލްގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދީފައެވެ. ޕޮލެންޑުން ޖެހި ޕެނަލްޓީތަށް، ރޮބަޓް ލެވެންޑޯސްކީ އާއި މިލިކް އަދި ގްލިކް ކާމިޔާބުކުރިއިރު، ބްލޮޒޯސްކީގެ ޕެނަލްޓީ ޕޯޗުގަލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މިއީ ފަސް އަހަރުތެރޭ ޕޯޗުގަލްއިން، ޔޫރޯގެ ސެމީއަށް ދަތުރުކުރި ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ސެމީފައިނަލްގައި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނީ، ބެލްޖިއަމް އާއި ވޭލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ޕެނަލްޓީގައި ޕޮލެންޑްގެ މައްޗަށް ކުރި ހޯދާ ޕޯޗުގަލް ސެމީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ