ނ.އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލްތައް ހުއްޓުވުމުގެ ގޮތުން ނ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ނ.ހެނބަދޫ އާއި ނ.މަނަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކު
ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޑިސެމްބަރ 11 ވަނަ ދުވަހުގެ 09:40 ހާއިރު ހެނބަދޫގައި މި މީހާ ދިރިއުޅޭ ގެއިންކަމަށެވެ. އަދި 25 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ދުވަހުގެ 11:40 ހާއިރު މަނަދޫގައި މި މީހާ ދިރިއުޅޭ ގެއިން ކަމަށެވެ.
މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން މި ދެމީހުން ދިރިއުޅޭ ގެ ކޯޓުއަމުރުގެ ދަށުން ބަލައިފާސްކުރިއިރު 24 އަހަރުގެ މީހާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި އޮތް ސިނގިރޭޓު ފޮށްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅު ފެނިފައިވާއިރު 25 އަހަރުގެ މީހާ ދިރިއުޅޭގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ ޒާތުގެ އާލާތްތައް ވަނި ފެނިފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލައިގެ ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތު ދީފައެވެ.
ހެނބަދޫ އަދި މަނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ