ޑީއާރުޕީގެ މައުމޫން ފެކްޝަނުން މިރޭ ބާއްވާ މުޒާހަރާއާ ދެކޮޅަށް ފިޔަވަޅުއަޅައިފި ނަމަ ރައީސް ނަޝީދު ބައިނަލްއަގުވާމީ ދާއިރާގައި ޖަވާބުދާރީ ކުރުވާނަން: އުމަރު

ޑީއާރުޕީން މިރޭ ބާއްވާ މުޒާހަރާއާ ދެކޮޅަށް ގާނުނާ ހިލާފަށް ސަރުކާރުން ބާރުގެ ބޭނުންކޮށްފި ނަމަ ބައިނަލްއަގްވާމީ ހުރިހާ ދާއިރާއެއްގައި ރައީސް ނަޝީދު ޖަވާބުދާރީކުރުވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެންގުމަކަށް ކ. ތުލުސްދޫ އާއި ށ. ފުނަދޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިދާރާ ފުލުހުންގެ ބާރުގެދަށަށް ގެންދިއުމަށް މަސައްކަތްކުރަމުންދާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ، މި މުޒާހަރާއާ ބެހޭ މައުލޫމާތު ބޭރުގެ ހުރިހާ ޑިޕްލޮމޭޓް މިޝަންތަކަށާއި ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލްތަކާއި މީޑިޔާތަކަށް ދީފައިވާ ކަމަށެވެ. އަދި މިރޭ ސަރުކާރުން ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސްޕްރޭ އާއި މުގުރު ބޭނުންކޮށްފި ނަމަ އެކަން ކަމާ ބެހޭ ވީޑިއޯތައް ބައިނަލްއަގްވާމީ ފަރާތްތަކަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ "ޑިމޮކްރަސީ އާއި ގާނޫނުތައް ހިމާޔަތްކުރުން" މި ޝުއޫރުގެ ދަށުން، މިރޭ 9:00ގައި އާޓިޝަލް ބީޗުގައި ބާއްވާ އެއްވުމަކުން ފަށާ މި މުޒާހަރާގައި ޖުމްހޫރީ މައިދާނަށް އެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖުމްހޫރީ މައިދާނަކީ މަނާ ސަރަހައެއްކަމަށް ބުނާ އެއްވެސް ގާނޫނެއް ނޯންނާނެ ކަމަށާއި އެތަނަށް އެއްވެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މިރޭގެ މުޒާހަރާއާ ބެހޭ މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ ސަރުކާރުން ހިންގާ ގާނުނާ ހިލާފް އަމަލުތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކުން ކާމިޔާބު ނުލިބުމުން އެކަމުގައި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުމަށް މަގުމައްޗަށް ނުކުންނަން ޖެހުނީ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. އަދި މި މުޒާހަރާގައި ބައިވެރިވުމަށް އެހެން ޕާޓީތަކަށް ދައުވަތު ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، މި މުޒާހަރާގައި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފެކްޝަންގެ އިސް ބޭފުޅުން ވެސް މި މުޒާހަރާގައި ބައިވެވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ހުރިހާ ބޭފުޅުންނަށް ދައުވަތު ދެއްވާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ