މީރާގެ ނޯޓިސްއާ ގުޅިގެން 80 މިލިއަން ޑޮލަރުގެ ލޯނެއް ގެއްލިގެން ހިނގައްޖެ: ގާސިމް

ވިލާ ގުރޫޕުން ދިވެހި ދައުލަތަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށް ބުނެ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ވިލާ ގުރޫޕަށް ދިން ނޯޓިސްއާ ގުޅިގެން ޔޫރަޕްގެ ދެ ބޭންކަކުން އެ ކުންފުންޏަށް ލިބެން އޮތް 80 މިލިއަން ޑޮލަރުގެ ލޯނެއް ގެއްލިގެން ގޮސްފައިވާ ކަމުގައި ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ވިޔަފާރިތަކަށް ސަރުކާރުން ފިއްތުއްތައް ކުރިމަތިކުރަމުންދާތީ އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ސަރުކާރުން ވިލާ ގުރޫޕުގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދިނުމަށް މިއަދު ވީޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.
ގާސިމް ވިދާޅުވީ ޔޫރަޕްގެ އެއް ބޭންކަކުން 60 މިލިއަން ޑޮލަރާއި ޔޫރަޕްގެ އިތުރު އެހެން ބޭންކަކުން 20 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވަނިކޮށް މީރާއިން ފޮނުވި ނޯޓިސްއާ ގުޅިގެންނާ މީޑިއާއިން އެ ހަބަރު އާންމުވެގެން ދިޔަ ގޮތުން އެ ލޯންތައް ގެއްލިފައިވާ ކަމަށާއި އެއީ ވިލާ ގުރޫޕުގެ ވިޔަފާރިއަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"މިހެން ގޮސް ވަރަށް ބޮޑެތި ޑެމޭޖަސް އަޅުގަނޑުމެންނަށް އެބަ ލިބޭ މީގެ ސަބަބުން. މިގޮތަށް ނިއުސް މީޑިއާއަށް އައިސްގެންދާއިރު އަޅުގަނޑުމެންނަށް ހައްގު ނޫން އެއްޗެތިތަކެއް ދައްކަން ޖެހޭ ވާހަކަތަކެއް ޕްރޮޕެގެންޑާ މިގޮތަށް ފެތުރިގެން ދިޔައީމާ ވަރަށް ނިކަމެތިކަމެއް ލިބިގެންދާތީ އެހެންވީމާ މިވާހަކަ ދަންނަވާލަން. އަޅުގަނޑުމެން އެއްގޮތަކަށްވެސް ދައްކަން ޖެހޭ އެއްޗެއް ނޫން މިއީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ކަަމަށް ބުނާ 100 މިލިއަން ޑޮލަރުގެ ތެރެއިން "ބޮޑުލާރިއެއްވެސް" ދައުލަތަށް ދައްކަން ނުޖެހޭނެ ކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އަދާލަތެއް އިންސާފެއްގެ ކަންފުޅެއް ވެސް އޮތް ތަނަކުން 100 މިލިއަން ޑޮލަރުގެ މައްސަލަ ނިންމައިފިނަމަ އެއީ ވިލާ ގުރޫޕުން ދައްކަން ނުޖެހޭނެ އެއްޗެއް ކަމަށް ނިންމާނެ ކަމަށެވެ. ވިލާ އިން ދައްކަން ޖެހޭ ކަމަށް ސަރުކާރާ މީރާ އިން ބުނާ 100 މިލިއަން ޑޮލަރަކީ ހިޔާލީ އަދަދެއް ކަމަށާއި ވިލާ އިން ސަރުކާރާއެކު ހަދާފައިވާ ތަފާތު އެއްބަސްވުންތައް ޓޫރިޒަމް މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީއާ މީރާގެ ބޭފުޅުން ބަލާލުމުން އެކަން އެބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް ސާފުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާ ހިސާބަށް މިދެންނެވިހެން އެއްވެސް ފަޅެއް ސަރުކާރުން އަޅުގަނޑުމެން ނަގާފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހެދިންގެ ވަކިކޮށްފައިވެސް ނޯންނާނެ އަޅުގަނޑުމެންނަށް ދެއްވަންޖެހޭ ހުއްދަ ދެއްވައިގެނެއް. ހުރިހާ ކަމެއްވެސް މިވަނީ ކޮށްފައި. މުޅި ރާއްޖޭގެ ސަރުކާރާ އިންފްރާސްޓްރަކްޗާގެ ގޮތަށް ބަލާއިރު އެއްވެސް އަމިއްލަ ފަރުދަކު އެއްވެސް އަމިއްލަ ކުންފުންޏަކުން ކޮށްފައި ނެތް ވަރުގެ ގިނަ އިންފްރާސްޓްރަކްޗަ ވެސް ހަދާ ސަރުކާރަށް ރައްޔިތުންނަށް ހިދުމަތްދީ ހުރިހާ ކަމެއް ކުރަމުން މިއަންނަނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ނުހައްގުން އެމަނިކުފާނުގެ ވިޔަފާރިތަކަށް ގެއްލުން ލިބޭ ގޮތަށް މިކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވިލާ ގުރޫޕުގައި މަސައްކަތް ކުރާ ދިވެހި 3000 ވަރަކަށް މީހުންގެ އާއިލާތަކަށް އެކަމުގެ ގެއްލުން ލިބިގެންދާނެ ކަަމަށެވެ. އެހެންކަމުން އެއީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކުރަމުންދާ ކަންކަމާއި ގުޅިގެން ދިވެހި އާއިލާތަކަކަށް ވެސް އެކަމުން ގެއްލުންތަކެއް ވަމުންދާތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނާ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަަމަށެެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ދައްކަން ނުޖެހޭ އަދަދުތަކެއް ދައްކަން ވިލާ ގުރޫޕަށް އަންގަމުން އެދަނީ ވެސް ވިލާ ގުރޫޕުގެ އެތައް ހައްގެއް ދޫކޮށްލުމަށްފަހު ދައުލަތަށް ފައިދާތަކެއް ލިބޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކަކަށެވެ. ސަރުކާރާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ތެރެއިން ދޫކޮށްފައިވާ ރަށްތަކަކަށް ވިލާ ގުރޫޕުން ފައިސާ ދައްކަނީ އެ ފައިސާ ދައްކަންޖެހޭ މުއްދަތު ނުވެސް އަންނަނީސް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިލާއަށް ލިބިފައިވާ ރަށްތައް ނުހަދާ ނުތިބޭ ކަަމަށާއި އެރަށްތައް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރެވެމުންދާ ކަމަށާއި އެރަށްތައް ނުހެދި ލަސްވުމުގައި ސަރުކާރުގެ ތެރެއިން ނިންމަންޖެހޭ ކަންކަން ނުނިމި ލަސްވަމުންދާ ދިއުންވެސް ހިމެނޭ ކަމުގައި ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ