ހިތަދޫ މެދު ދާއިރާގެ އިންތިހާބުގައި މަކަރު ހެދި ކަމަށް ބުނެ 10 ހެކިވެރިއެއްގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބުގައި ރިޝްވަތާއި މަކަރު ހެދުމުގެ ޢަަމަލުތަކެއް ހިނގާފައިވާ ކަމަށް ބުނެ، އެކަން ސާބިތު ކުރުމަށް 10 ހެކިވެރިއެއްގެ ނަން އެދާއިރާގެ އިންތިޚަބުގައި ނަކާމިޔާބުވި ޕީޕީއެމް ކެންޑިޑޭޓް ހިޔަލީ މުހައްމަދު ރަޝީދުގެ ފަރާތުން މިއަދު ޝަރީޢަތަށް ހުށަހަޅައިފި އެވެ.
ފައިސާގެ ނުފޫޒު ފޯރުވައިފާ ވާ ކަމަށް ބުނެ އެ ދާއިރާގެ އިންތިޚާބު ބާޠިލު ކޮށްދިނުމަށް އެދި ހައި ކޯޓަށް ހިޔަލީ މުހައްމަދު ރަޝީދު ހުށަހެޅި މައްސަލައިގައި މިއަދު ކުރިޔަށް ދިޔައީ ފުރަތަމަ އަޑުއެހުމެވެ.
ހިޔަލީ މުހައްމަދު ރަޝީދުގެ ވަކީލު، އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ހޮވިވަޑައިގެންނެވި މެމްބަރު އަލްއުސްތާޒް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރ ވައްޑެ) ވިދާޅުވީ އެ ދާއިރާގެ އަނެއް ދެ ކެންޑިޑޭޓުންގެ ފަރާތުން ރިޝްވަތު ދިނުމާއި އައިޑީ ކާޑު "ގަތުން" ފަދަ ކަންކަން ހިނގާފައިވާ ކަން އެނގޭ ކަމަށާއި، މި ކަންކަމަކީ އިންތިޚާބު ބާޠިލު ކުރަންޖެހޭ ސަބަބުތައް ކަމުން އެ އިންތިޚާބު ބާޠިލު ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މި ކަންތައް ސާބިތުވާ ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓެއް ވެސް އެކުލަވާލާފައި އޮންނާނެ ކަމަށާއި، ކޯޓުން އެ ރިޕޯޓް ހޯދައިދިނުމަށް ވެސް ވަހީދު އެދިވަޑައިގެންނެވި އެވެ. ނަމަވެސް މިފަދަ ރިޕޯޓެއް އޮތް ކަން ވަހީދަށް އެނގެނީ ކިހިނަކުން ތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން، އެއަށް ސީދާ ޖަވާބެއް ނުދެއްވައި، ވަހީދު ތަކުރާރުކޮށް އެދިވަޑައިގެންނެވީ އެފަދަ ރިޕޯޓެއް އޮތް ނަމަ އެ ހޯދައިދެއްވުމަށެވެ.
މި މައްސަލައިގައި ދަޢުވާ ލިބިގަންނަ ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ، ދަޢުވާގައި ބުނާ ޖިނާޢީ ކުށްތައް ބަލަން ޖެހެނީ ވަކި އިޖުރާޢަތްތަކެއްގެ ތެރެއިން ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް އެ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވި ރިޓަޔަޑް ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ ވެސް ވަނީ ތަދައްޚުލްވެ ވަޑައިގެންފައެވެ. އެގޮތުން އިބްރާހިމް ދީދީގެ ވަކީލް މުހައްމަދު ފަރީދު ވިދާޅުވީ ކެންޑިޑޭޓުން ރިޝްވަތު ދިން ކަމަށް ހެކިވެރިން ބުނާއިރު އެއީ ކޮން ބޭނުމަކު ދިން އެއްޗެއްކަން ސާފުނުވާ ކަމަށެވެ
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުވާކުރާ ހިޔަލީ ރަޝީދުގެ ވަކީލް، ވަހީދާ ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން ދައުވާގައި ބުނާ ކަންތައްތަކުގެ ޝަކުވާތައް އެހެން ފަރާތަކަށް ހުށަހެޅިންތޯ ސުވާލު ކުރެއްވުމުން ފުރަތަމަ ވަހީދު ވިދާޅުވީ ޕާޓީން އެ ޝަކުވާ ހުށަނާޅާކަން ސާފުނުވާ ކަމަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ތަކުރާރު ކުރެއްވުމުން ވަހީދު ވަނީ އެ ޝަކުވާ ހިޔަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް އެއްބަސްވެފަ އެވެ.
މިއަދުގެ ޝަރީޢާތް ނިންމާލުމަށް ފަހު، ވަރަށް އަވަހަށް ޝަރީޢަތުގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިޢުލާނު ކުރެއްވި ނަމަވެސް، އެއީ ކޮން ދުވަހަކުން ކަމެއް ފަނޑިޔާރުންގެ ބެންޗުން ހާމަ ކުރައްވާފައެއް ނުވެ އެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހިޔަލީ މުުހައްމަދު ރަޝީދަށް ލިބިވަޑައިގެންފައިވާ އިރު، އެންމެ މަދުން ވޯޓު ލިބިވަޑައިގެންފައި ވަނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭތް ހުސައިން ޞާލިހް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ