މިސުރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ހުކުމްތައް މިސުރުގެ ކޯޓުން ބޭރުކޮށް، އަލުން ޝަރީއަތް ހިންގުމަށް ހުކުމްކޮށްފި އެވެ.
ކޯޓުން މައްސަލަ ބޭރުކޮށްފައި ވަނީ މިފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގާނޫނީ ޕްރޮސީޖަރތަކަށް އަމަލުކޮށްފައި ނުވުމުން ކަމަށް ކޯޓުން ބުނެފައިވެ އެވެ.
މުބާރަކްގެ ގާނޫނީ ވަކީލު ވިދާޅުވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޤާހިރާގެ އަސްކަރީ ހޮސްޕިޓަލުން މުބާރަކް ދޫކޮށްލެވޭނެ ކަމަށެވެ.
މުބާރަކްގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހު ވަނީ 2011 ވަނަ އަހަރު މިސުރުގައި އޭނާގެ ވެރިކަން ވައްޓާލުމަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ބައިވެރިން މެރުމަށް މުބާރަކް އަމަރުކުރި ކަމަށް ބުނެ އެ މައްސަލައިގެ ޝަރީއަތް ހިންގާފަ އެވެ. މި ޝަރީއަތްވެސް ވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ. އަދި، މުބާރަކްގެ ދެބޭފުޅުން ކަމަށްވާ އަލާ އާއި ޖަމާލްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތައްވެސް ކޯޓުން ވަނީ ބޭރުކޮށްފަ އެވެ.
މިއަދު ކޯޓުން ބޭރުކޮށްލި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ މުބާރަކް އާއި އޭނާގެ ބޭފުޅުން ދައުލަތުގެ ހަޒާނާއިން އަމިއްލަ ބޭނުންތަކަށްޓަކައި އެއް ލައްކަ މިސުރު ޕައުންޑް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. މި ފައިސާއިން އަމިއްލަ ގެކޮޅުތަކަށް ފަރުނީޗަރާއި ހިފާސާމާނާއި އެގޭތަކުގެ ބިލުތަކަށް ގަވާއިދާއި ހިލާފަށް ހަރަދުކޮށްފައިވާ ކަމަށްވެސް ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ. އަދި ވިލާ އެއް މަރާމާތު ކުރުމަށާއި ރިޔާސީ ގަނޑުވަރުގައި މުބާރަކްގެ ކާފަދަރިކަނބަލަށް ވަކި ކޮޓަރިއެއް ތައްޔާރުކުރުމަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ދައުލަތުން ތުހުމަތުކޮށްފައިވެ އެވެ.
މިސުރުގެ މީޑިޔާ އިން ރިޕޯޓުކުރާ ގޮތުގައި މުބާރަކް މިމަހުގެ 17 ގައި އަސްކަރީ ހޮސްޕިޓަލުން ދޫކުރެވޭނެ އެވެ.
މުބާރަކްގެ ކޮރަޕްޝަން ހުކުމް ކޯޓުން ބޭރުކޮށް، އަލުން ޝަރީއަތް ހިންގުމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ