ސިޔާމްގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އޭނާ ހުށަހަޅުއްވައިފި
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ޝިޔާމް މުހައްމަދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފަހު މާލެ ވަޑައިގަތް އިރު އޭނާގެ ލަގެޖުން ރާފުޅިއެއް ފެނުނު މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވާ ގާޒީ، ބަދަލު ކުުރުމަށް ސިޔާމް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ. ސިޔާމްގެ މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު އެވެ. މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އޭނާ ސޮއި ކުރައްވައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މެދު ގާނޫނުގެ ބޭރުން އަމަލު ކުރައްވަފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމާއި އަތާއި މޫނުގެ އިޝާރާތުން އެގޮތަށް ދޭހަވާ ގޮތްތަކެއް ހުރުމުން އެ ޝަކުވާ އެ ކޯޓުގެ އިސް ގާޒީއާ ހިސާބަށް ވެސް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ގާޒީ ސިޔާމާ މެދު ނުރުހުންތެރިވެ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހަރުކަށި އަދަބެއް އިއްވަފާނެ ކަމަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވެފައިވަނީ އެފަދަ ޒާތީ ކަމެއް ގެންގުޅުއްވާ ބޭފުޅަކު މައްސަލަ ބައްލަވައިފި ނަމަ ނުހައްގުން އޭނާ އަށް އަދަބު ލިބިގެން ހިނގައިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާ އިޖުތިމާއީ ގޮތުން ކުރައްވާ މަސައްކަތްތަކަށާއި ރީތި ނަމަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ވެސް ސިޔާމްގެ ވަނީ ސިޓީގައި ވިދާޅުވެފައިވެ އެވެ. "... ވަކީން ހާއްސަކޮށް އަޅުގަނޑުގެ މައްޗަށް އުފުލިފައިވާ ދައުވާ އަކީ ވެސް ބާރުގަދަ ފަރާތަކުން ރާވައިގެން ހީލަތްތެރިކަމާ އެކު އަޅުގަނޑަށް ގެއްލުމެއް ދިނުމަށްޓަކައި ސިޔާސީ ގޮތުން އުފައްދާފައިވާ ދޮގު ދައުވާއަކަށްވުމާ އެކު، މި މައްސަލަ މި ބައްލަވާ ފަނޑިޔާރު މި މައްސަލައިގައި ހުކުމް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ ނަމަ އަޅުގަނޑުގެ ދުޝްމަނުން ނުހައްގު ގޮތުގައި އަޅުގަނޑު ޖެއްސުމަށްޓަކައި ތައްޔާރުކޮށްފައިވާ މަޅިފަތީގައި އަޅުގަނޑު ޖެހުނީ އެވެ،" އެ ސިޓީގައިވެ އެވެ. "ވީމާ މި ދެންނެވި އަނިޔާވެރިކަމުން އަޅުގަނޑަށް ސަލާމަތްވެވޭނެ މަގު ފަހިކޮށްދެއްވައި އަޅުގަނޑާ މެދު އަދާވަތްތެރިކަމެއް ގެންގުޅުއްވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގާޒީ ނޫން އެހެން ބޭފުޅަކު މި މައްސަލަ ބެއްލެވުމަށް ހަމަ ޖައްސަވައިދެއްވައި އެކަން ކްރިމިނަލް ކޯޓަށް އަންގަވައި ދެއްވުން އެދެމެވެ." އެ މައްސަލައިގެ ޝަރީއަތަށް ސިޔާމް ހާޒިރުނުވުމުން އޭނާ ކޯޓަށް ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އަދި އެ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނަވަނިކޮށް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް މަސައްކަތް ވެސް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ބޭއްވިފައި ވަނީ ދައުވާ އުފުލުމަށް ބޭއްވި އެ މައްސަލައިގެ އަޑުއެހުމެއް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ