ހއ. މޮޅަދޫ ރައްޔިތުން ދިއްދު އަށް ބަދަލުކުރަނީ

ހއ. މޮޅަދޫ ރައްޔިތުން އެ އަތޮޅު ދިއްދު އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހައުސިން މިނިސްޓްރީން ކައުންސިލަށް އަންގައިފި އެވެ. ކައުންސިލްގެ ރައީސް އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މޮޅަދޫގެ 400 އެއްހާ މީހުން ދިއްދު އަށް ބަދަލުކުރަން ނިންމިކަން ރައްޔިތުންނަށް އަންގައިދިނުމަށް އެދި ހައުސިން މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން ދިއްދު އަށް ބަދަލުކުރުމަށް އެ ރަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވާކަން މިނިސްޓްރީގެ ސިޓީގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ސަރުކާރުގެ ދެންނެވުމެއްގައި ބުނެފައިވޭ ރައްޔިތުންގެ ރުހުމާ އެކުގައި ކަމަށް އެއް ރަށުން އަނެއް ރަށަށް ބަދަލުކުރާނީ. އެކަމަކު މޮޅަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ނިންމިއިރު އަޅުގަނޑުމެންނަށް ފޯނުން ވެސް އަންގާފައެއް ނުވޭ، މަޝްވަރާއެއްވެސް ކޮށްފައެއް ނުވޭ، ކުޑަމިނުން އިޝާރާތެއްވެސް ނުކުރޭ،" ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މޮޅަދޫ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާކުރުމެއް ނެތި އެއްފަސްކުރަން އުޅުމުން ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް ހައުސިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. ރައްޔިތުންގެ ރުހުމާ ނުލައި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ނިންމުމެއް ނުނިންމުމަށް އެދިފައިވާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. މޮޅަދޫ ރައްޔިތުން ބަދަލުކުރުމަށް ނިންމި ނިންމުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. ރައީސް އޮފީހުން ދާދި ފަހުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ އެއްފަސްކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ރުހުން އޮވެގެން އެކަން ކުރުން ކަމަށާއި ރައްޔިތުންގެ އަޣުލަބިއްޔަތު ނެތި އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރުމުގެ ސިޔާސަތެއް ނުގެންގުޅޭނެ ކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރަމުން ގެންދަނީ ވަރަށް ބޮޑެތި ދިރާސާތަކެއްކޮށް މި ދިރާސާތަކުގެ ނަތީޖާ އަށް ބަލައި އެކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދުމަށް ފަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ