ހެލްތްގެ ދާއިރާގެ ކަންކަން ފިޔަވައި އެހެނިހެން ކަންކަން ކުރިއަށް އެބަދޭ: މާފަރު ޓާސްކްފޯސް

މިދިއަ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ނ.މާފަރުގައި އެރަށުގެ ރައްޔިތުން ކުރަމުން ދިޔަ އިހުތިޖާޖުތަކާއި ގުޅިގެން ހެލްތް ދާއިރާގެ ކަންކަންފިޔަވައި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތައް ކުރިއަށް ދާކަމަށް މާފަރު މައްސަލާގައި އެރަށުގެ ރަށު ކައުންސިލް ހިމެނޭގޮތަށް ނަގާފައިވާ ޓާސްކްފޯސް ޓީމުން ބުނެފިއެވެ.
މާފަރުގެ މައްސަލާގައި ކަންތައްތައް ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިއަދު ބޭއްވެވި ބައްދަލުވުމުގައި ޓާސްކްފޯސް ޓީމުން ބުނީ އެއާރޕޯޓް ހެދުމަށް ޝައުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ދެ ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ޓްރާންސް ޕޯޓް މިނިސްޓްރީން މައުލޫމާތު ދޭކަމަށެވެ. އަދި އެމިނިސްޓަރީން މައުލޫމާތުދޭ ގޮތުގައި މިހާރު ކުރިއަށް ދަނީ ބިޑް އެވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި އެއާރޕޯޓާއެކު ރަށުގެ ނަރުދަމާ އެޅޭނެކަން ޔަގީން ނުވާކަމަށާއި އެކަން ބޮޑަށް ޔަގީން ވެގެންދާނީ ބިޑް އެވެލުއޭޓް ކޮށް ނިމުމުންކަމަށްވެސް މިނިސްޓްރީން ބުނެފައިވާކަމަށްވެސް ޓާސްކްފޯސް ޓީމުން ބުނެއެވެ.
"މިނިސްޓްރީން ބުނީ އެއާރޕޯޓްގެ ޕްރޮޖެކްޓްގެ ދަށުން ރަށުގައި ނަރުދަމާ ގާއިމުކުރެވޭނެކަން އަދި ޔަގީން ނުވާކަމަށް، އެކަން ޔަގީންވާނީ ބިޑް އެވެލުއޭޓް ކޮށްނިމުމުން ކަމަށް އެބޭފުޅުން ވިދާޅުވި، ނަމަވެސް އެއާރޕޯޓާއެކު ބަނދަރު ހެދޭނެކަމަށް މިނިސްޓްރީން ބުނޭ،" ޓާސްކްފޯސް ޓީމުގެ ރައީސް އިބްރާހިމް ބަދީއު ވިދާޅުވިއެވެ.
މީގެ އިތުރުން ޓާސްކްފޯސް ޓީމުންބުނީ ކޮމެޓީގައި ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ސަރުކާރުގެ ޓީމެއް މާފަރަށްގޮސް ރަށުގެ ހާލަތު ބަލާފައި ނުވާކަމަށާއި ނަމަވެސް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބޭފުޅުން ވަޑައިގެން ރަށުގެ ތިމާވެއްޓާބެހޭ ގޮތުން ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އީޕީއޭގެ ރިޕޯޓް އަންނަ ހަފްތާގައި ނެރުއްވާނެ ކަމަށްވެސް އެތަނުން ބުނެފައިވާ ކަމަށް މާފަރު ޓާސްކްފޯސް ޓީމުން މައުލޫމާތުދެއެވެ.
އެޑިއުކޭޝަންގެ ކަންތައްތަކަށް ބަލާއިރު މިނިސްޓްރީން ބުނެފައިވާ ސްކޫލްގައި އިތުރު ފާހާނާތައް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި އަދި ސްކޫލްގެ ވަށާފާރު ރޭނުމާއި މަރާމާތު ކުރުމުގެ ކަންތައްތައްވެސް ކުރިއަށް ދާކަމަށެވެ.
"ހެލްތްގެ ކަންތައްތައް އޮތީ ހަމަ ކުރިއެކޭވެސް އެއްގޮތަށް، މިނިސްޓަރާ އަދި އެހެންވެސް ބޭފުޅަކާވެސް ބައްދަލެއް ނުވޭ، ނަމަވެސް މިއަދު 2 ޖަހާއިރު މިނިސްޓަރާ ބައްދަލުކުރަން އެޕޮއިންޓްމަންޓް މިހާރުވަނީ ލިބިފައި، ހެލްތްގެ ކަންކަން ފިޔަވާ ދެންހުރި ދާއިރާ ތަކުގެ ކަންކަން ކުރިއަށް އެބަދޭ، އަޅުގަނޑުމެން ރައީސް ޑރ. ވަހީދު އަށްވެސް ދަންނަވާފައިވާނީ ރަށުގެ ހާލަތު، ރައީސްވެސް ވިދާޅުވި ކަންކަން ރަނގަޅުކުރެވޭތޯ ވަރަށް ބޮޑަށް ބައްލަވާނެ ކަމަށް،" ބަދީއު ވިދާޅުވިއެވެ.
މާފަރުގައި ރަށުގެ ހާލަތާމެދު ކަންބޮޑުވެ 24 ދުވަސް ވަންދެން އިހުތިޖާޖުކޮށްފައިވެއެވެ. އަދި އެދުވަސްވަރު ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރަށުގެ ސްކޫލްވެސް ހުރީ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ