ބިމާ ބެހޭ ގާނޫނުގެ އިދާރީ އޮނިގަނޑެއް އެކުލަވާލަނީ

ބިމާ ބެހޭ ގާނޫނުގެ އިދާރީ އޮނިގަނޑެއް އަންނަ މަހުގެ ތެރޭގައި އެކުލަވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބިމާ ބެހޭ ގާނޫނު ތަންފީޒު ކުރުމަށް، މަގު ފަހި ކުރުމަށް އިދާރީ އިތުރު ކަންތައްތަކެއް ކުރަމުން އަންނައިރު، ބިމާ ބެހޭ ގާނޫނުގެ އޮނިގަނޑެއް އެކުލަވާލައި، ފާސް ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަން ވަޒީރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިރު، އަންނަ މަހުގެ ތެރޭގައި އެ އޮނިގަނޑު ފާސް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެ ފަދަ އޮނިގަނޑެއް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ އޮނިގަނޑުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން، އެކަން އިސްލާހުކޮށް އާ އޮނިގަނޑެއް އެކުލަވާލަނީ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ އޮނިގަނޑު ފާސްވުމުން، ބިމާ ބެހޭ ގާނޫނު ފާސްކުރުމުގައި ދިމާވާ އިދާރީ ކަންކަންތަކާއި އޮޅުންބޮޅުންތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަގު ފަހިވެގެން ދާނެ ކަމަށެވެ. ބިން ބޭނުން ކުރުމުގެ ސިޔާސަތުގެ ދަށުން އެ ބިމެއް ބޭނުން ކުރުމުގެ ޕްލޭނެއް އެކުލަވާލާފައި އޮތުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، ޑރ. މުއިއްޒު ވިދާޅުވީ، ކޮންމެ ބިމެއްގެ ވެސް ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާލާއި އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. "އަޅުގަނޑުމެން މިއަދު މި ވަނީ ރަށްރަށުގައި ހުރި ގިނަ ބިންތަކެއް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފައި. އަޅުގަނޑުމެންނަށް އިނގޭ ކައުންސިލްތަކަށް މި ހުރިހާ ބިމެއް އެއް ފެންވަރަކަށް ޕްލޭނެއް ނުކުރެވޭނެކަން. އެހެންކަމުން މި ބިންތައް ބަޔަކާ ހަވާލުކޮށްގެން ނަމަވެސް ލޭންޑް ޔޫސް ޕްލޭން ހެދުން މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ވިޔަފާރި އުސޫލުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހައުސިން މިނިސްޓްރީން މިއަދު ވަނީ ލޯކަލް ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ގިނަ ބިންތަކެއް ރަށު ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ. އެގޮތުން 49 ރަށަކަށް 50 ބިމެއް ހަވާލުކޮށްފައިވާއިރު އެ ހުރިހާ ބިމެއް ވެސް ކައުންސިލްތަކަށް ބޭނުން ކުރެވޭނީ، އެ ބިންތަކުގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ