ކޯނީން ހަގީގަތާ ހިލާފު އެއްޗެއް ނުބުނާނެ: މައުމޫން
ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރަމުންދާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ހަގީގަތާ ހިލާފު އެއްޗެއް ނުބުނާނެ ކަމަށާއި އެ ކޮމިޝަނުން ނެރޭ ރިޕޯޓުގައި އޮންނާނެ އެއްޗަކާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އިމާދުއްދީން ސްކޫލްގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި މައުމޫން ވިދާޅުވީ ކޯނީގެ ރިޕޯޓުގައި އޮންނާނެ އެއްޗަކާ މެދު ބައެއް މީހުން ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި ހަގީގަތް އޮތީ ފެންނަން ކަމަށް މައުމޫން ވިދާޅުވި އެވެ. "އެއްބައި މީހުން އެބަ ކަންބޮޑުވޭ ކޯނީގެ ފަރާތުން ނިކުންނަ ރިޕޯޓްގައި އޮންނާނެ އެއްޗަކާ ދޭތެރޭގައި. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް ނޫނޭ. އެ ބޭފުޅުންނަކީ ވެސް (ކޮމިޝަންގެ މެމްބަރުންނަކީ) އިއްޒަތާއި ގަދަރު ހުރި އިތުބާރު ހުރި ބޭފުޅުންނޭ، އެ ބޭފުޅުން ވެސް ހަގީގަތާ ދެކޮޅަކަށް އެއްޗެއް ވިދާޅެއްނުވާނެ. އެ ބޭފުޅުންނަށް ވެސް މި އޮތީ ހަގީގަތް ފެނިވަޑައިގެންފަ،" އަންނަ ބުރާސްފަތި ދުވަހު ނެރޭ ކޯނީގެ ރިޕޯޓަށް އިޝާރާތްކުރައްވަމުން މައުމޫން ވިދާޅުވި އެވެ. މައުމޫން އިތުރަށް ވިދާޅުވީ ކޯނީއަކީ ވެސް ގާނޫނު އަސާސީން ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެއް ކަމަށެވެ. އަދި އެ ކޮމިޝަނަކީ ރައީސަށް ލަފާއަރުވާ ކޮމިޝަނެއް ކަމަށާއި އެ ކޮމިޝަނަކީ ހުކުމެއް ކަނޑައަޅާނެ ކޮމިޝަނެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ރައީސަށް އަރުވާ ލަފައާމެދު ގޮތެއް ނިންމާނީ ރައީސް ކަމަށާއި އެހެންވުމުން އެކަމުގައި ކަންބޮޑުވާންނުޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެމްޑީޕީން މަގުމަތީގެ ހަރަކާތްތައް ހުއްޓާލާފައިވާތީ ޕާޓީ ޓޯކްސްގައި ޕީޕީއެމްއިން ބައިވެރިވާން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން ވަކި ބަޔަކު ބަލައިނުގަންނާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން ޕާޓީ ޓޯކްސްގައި ބައިވެރިވާނެ މީހަކު ކަނޑައަޅާނީ އެ ޕާޓީން ކަމަށާއި އެއީ އެހެން އެއްވެސް ބަޔަކާ، އެހެން އެއްވެސް ޕާޓީއަކާ ބެހޭނެކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ޕީޕީއެމްގެ އިސްވެރިން ބައިވެރިވެޑައިގަތެވެ. މިރޭގެ ޖަލްސާގައި ވަނީ ރ. އަލިފުށީ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ އިބްރާހިމް މަހީލް ކަން އިއުލާން ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ