ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ނަންބަރަކަށް ހިލޭ ގުޅޭ ގޮތަށް ދިރާގުން ޕެކޭޖެއް ތައާރަފްކޮށްފި

ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ނަންބަރަށް ހިލޭ ގުޅޭ ގޮތަށް "ބެސްޓް ފްރެންޑް ޕްލޭން" ނަމުގައި ދިރާގުން ޕެކޭޖެއް ތައާރަފްކޮށްފި އެވެ.ޕްރީޕެއިޑް ކަސްޓަމަރުންނަށް ހިލޭ ގުޅޭ ނަންބަރެއް ފުރަތަމަ ފަހަރަށް ތައާރަފްކުރުމުގެ އިތުރުން ދިރާގުން ވަނީ ޕްރީޕެއިޑްގެ ކޯލް ރޭޓްތަކުގެ އަގުހެޔޮކޮށް، މޯބައިލް އިންޓަނެޓް ޕެކޭޖުތަކުގެ އެލެވަންސް ވެސް އިތުރުކޮށްފަ އެވެ. އަދި އެންމެ ލާރިއަކަށް އެސްއެމްއެސް ފޮނުވޭ ޚާއްސަ ޕްރޮމޯޝަނެއް ވެސް ދިރާގުން ވަނީ އިއްޔެ ލޯންޗްކޮށްފަ އެވެ.ދިރާގުގެ މޯބައިލް މާކެޓިން މެނޭޖަރު ރިއްފަތު މުހައްމަދު ވިދާޅުވީ، މިހާރު ވެސް ތިން ލައްކައެއްހާ ކަސްޓަމަރުން ބޭނުންކުރަމުން އަންނަނީ ދިރާގުގެ ޕްރީޕެއިޑް ނަންބަރުތައް ކަމަށާއި ހިލޭ ގުޅޭ ނަންބަރެއް ތައާރަފްކުރުމުން އެ ކަސްޓަމަރުންނަށް ވެސް ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށެވެ.އެގޮތުން ބެސްޓް ފްރެންޑް ޕްލޭންގެ ދަށުން ޕްރީޕެއިޑް ނަންބަރަކުން ދުވާލަކު ދިހަ ރުފިޔާ ލޯކަލް ކޯލްތަކަށް ޚަރަދުކުރުމުން، އިޚްތިޔާރުކޮށްފައިވާ ނަންބަރަކަށް އެ ރޭގެ މެންދަމު ބާރަ ޖަހަންދެން ހިލޭ ގުޅޭނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ. އަދި މި ޚިދުމަތުގެ ދަށުން، އައިޑީޑީ ދެ ނަންބަރަށް ގުޅުމަށް 10 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.މި ޚިދުމަތް ބޭނުންކުރުމަށް މަހު ފީއެއް ދައްކާކަށް ނުޖެހެ އެވެ. އަދި ގުޅާއިދިނުމުގެ ފީއެއް ވެސް ނޯންނަ ކަމަށް ދިރާގުން ބުންޏެވެ.ޚިދުމަތް ހޯދުމަށްޓަކައި، ޚާއްސަ ފޯމެއް ފުރުމަށް ފަހު ދިރާގަށް ހުށަހަޅަން ޖެހޭ ކަމަށާއި އެ ފޯ ފުރާއިރު، ހިލޭ ގުޅަން ބޭނުންވާ ނަންބަރެއްގެ ގޮތުގަ އާއި ޑިސްކައުޓް ލިބޭ އައިޑީޑީ ދެ ނަންބަރުގެ ގޮތުގައި ރަޖިސްޓްރީކުރާ ނަންބަރުތައް ބަދަލުކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް ވެސް ރާއްޖޭގެ ފުރަތަމަ އުފެއްދި މުވާސަލާތީ ކުންފުނި ދިރާގުން ބުނެ އެވެ.މީޑިއާ އަށް މައުލޫމާތު ދެއްވަމުން ދިރާގުގެ މޯބައިލް މާކެޓިން މެނޭޖަރ އިތުރަށް ވިދާޅުވީ، ދިރާގުގެ ޕްރީޕެއިޑް ކޯލުތަކުގެ އަގަށް ވެސް މިހާރު ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން ޕީކް ގަޑީގައި މިނެޓަކަށް 99 ލާރި އަދި އޮފް ޕީކް ގަޑީގައި މިނެޓަކަށް 79 ލާރި އަށް މިހާރު ގުޅާލެވޭނެ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ. މީގެ އިތުރުން ދިރާގުން މޯބައިލް އިންޓަނެޓްގެ ހުރިހާ ޕެކޭޖްތަކުގެ އެލެވަންސް މިހާރު އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެއް ލާރިއަށް އެސްއެމްއެސް އެއް ފޮނުވޭ ގޮތަށް ދިރާގުން ފެށި ޚާއްސަ ކެމްޕޭނާ ގުޅޭ ގޮތުން ރިއްފަތު ވިދާޅުވީ، އެސްއެމްއެސް ފޮނުވުމަށް ދުވާލަކު ދެ ރުފިޔާ ޚަރަދުކޮށްފި ނަމަ، ދެން އެ ދުވަހަކު ފޮނުވާ ހުރިހާ އެސްއެމްއެސް އަކަށް ޗާޖްކުރާނީ އެއްމެ ލާރިއެއް ކަމަށެވެ. އަދި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ