ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ނުގޮސް މަޑު ޖެހިފައިވަނީ އެރަށުގެ ރައްޔިތުން އެމަގުގައި އަޅާނީ ތާރުތޯ ނުވަތަ ގާތޯ ނުނިންމައިގެން ކަމަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުއްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނައި މުހާތަބު ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ކަންކަން ހިތް އެދޭ މިންވަރަށް ކުރިއަށް ނުދާ ކަމަށާއި ހާއްސަކޮށް ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އުންމީދު ކުރި ވަރަށް ކުރިއަށް ނުދާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ، އެންމެފަހުން އަޅުގަނޑު އައި ދުވަހު، މިރަށުގައި އަޅުގަނޑު އަމިއްލައަށް، މިރަށުގެ ބައެއް ބޭފުޅުންނާއި ސްކޫލް ކުދިންނާއެކީގައި ގާވެސް އެތުރިން. އެކަމަކު އެކަން އެއްގޮތަކަށްވެސް ކުރިއަށްދާގޮތެއްނުވޭ. މިހާރު އަނެއްކާ މިއޮތީ މަގުހަދަންވީ ގޮތާ ބެހޭގޮތުން ފާޑުކިޔާ ހިސާބަށް ގޮސްފައި،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ކުޅުދުއްފުސީ ރައްޔިތުންގެ ތެރޭގައި އެމަގާއި މެދު ހިޔާލު ތަފާތު ވެފައިވާ ކަމަށާއި އެމަގުގައި އަޅަން ބޭނުންވަނީ ތާރު ކަމަށް ވެސް ބައެއް މީހުން ބުނަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ބުނާގޮތަކަށްވެސް ކަންތަކެއް ނުކުރެވޭނެ. ފަހަރަކު މީހަކު، ފަހަރަކު ގޮތަކަށް ގޮތް ކިއީމާ، އެފަހަރަކު އެމީހަކު އެބުނާ ގޮތަކަށް އެކަން ކުރަން އުޅުމުން ކަންކަން ނުވެ ހުންނާނީ. އެއްފަހަރު ބުނާނެ ގާ އަޅާށޭ. އަނެއްފަހަރު ބުނާނެ ތާރު އަޅާށޭ. ދެން ގާ އަޅަން ބުނާ މީހާ ބުނީމާ ގާ އަޅަން ފަށާފައި، ތާރު އަޅަން ބުނާ މީހާ ބުނީމާ ތާރު އަޅަން ފަށާފައި، މިގޮތަކަށް ކަންކަމެއް ނުކުރެވޭނެ. ކޮންމެވެސް ސާބިތުކަމަކާއެކީގައި އަޅުގަނޑުމެން އެބަޖެހޭ މިކަން ކުރަން،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން ނިންމާ ގޮތެއްގެ މަތިން އެމަސައްކަތް ކުރުމަށް މިހާރު ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑުމެން ހިނގާ މިކަން ނިންމަމާ ކޮންމެވެސް ގޮތަކަށް. ތިޔަބޭފުޅުން އަޅުގަނޑު ކައިރީގައި މިހެން ހަދާށޭ ވިދާޅުވީމާ، ނިންމަވާ ގޮތަކަށް އަޅުގަނޑު އެކަން ކުރިއަށް ގެންދާނަން. މިހާރު މިކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް، އެކަން ނުކުރެވޭކަމަށްވަންޏާ، އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް، އަޅުގަނޑު އެކަން ކުރާނަން. އަޅުގަނޑު މިއައީ ހަމައެކަނި މިކަމަށްޓަކައި މިފަހަރު. މިކަމާ އަޅުގަނޑުގެވެސް ބޮލަށް އުނދަގޫވެގެން، ކަންބޮޑުވެގެން އަޅުގަނޑު މިއައީ. އެހެންވީމާ، އަޅުގަނޑު ދުލެއްނުކުރާނަން،" ރައީސް ވަހީދު ވިދާޅުވިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެރިކަމަށް ވަޑައިގެންނެވިފަހުން މިއީ ރައީސް ވަހީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.
ކުޅުދުއްފުށީ މަގު ހެދުން ލަސްވަނީ ރައްޔިތުން ގޮތެއް ނުނިންމައިގެން: ރައީސް ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ