އަމާޒު ޔަގީންވާނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެން: ގާސިމް

ސަރުކާރުގެ އަމާޒްތަކަށް ވާސިލްވާން ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިއްތިހާދުގެ ސަރުކާރެއް އެކުލަވާލުމާއި ގުޅިގެން ހަނިމާދޫގައި ބޭއްވި އުފާފާޅުކުރުމުގެ ޖާފަތެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް ދެ އިންތިހާބަކީ ވެސް ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދަން ވަރަށް މުހިންމު ދެ އިންތިހާބު ކަމަށާއި އަންނަ ޖެނުއަރީގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ކޮންމެހެން ކާމިޔާބުކުރަންޖެހޭ ދެ އިންތިހާބު ކަމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ބޭފުޅަކު ރައީސް ކަމަށް އިންތިހާބުކުރެވުމުން އަމާޒަށް ވާސިލްވެވުނީ ނޫންކަމަށާ ރައްޔިތުން އެދޭ ތަރައްގީ ގައިމުކޮށް "އަމާޒް ޔަގީން" ވާ ރާއްޖެއެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ އިއްތިހާދުގެ ސަރުކާރު ދެމެހެއްޓުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި އާންމު މެންބަރުން ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާ ހުރިހާ ފަރާތްތަކެއް ގުޅިގެން ނުކުމެއްޖެނަމަ އިންތިހާބު ކާމިޔާބުކުރުމަކީ ދާދި ފަސޭހަ ކަމެއްކަން ރިޔާސީ އިންތިހާބުން ޔަގީން ވެފައިވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން މިފަހަރު މަދުވެގެން ފަސްދޮޅަސް ގޮނޑި އެބަ ހޯދަންޖެހޭ. ރައީސަކު އިންތިހާބުވުމަކުން މިކަމެއް ނުނިމޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވީއިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ ބޭނުމުގައިކަމަށާއި ދީނާއި ގައުމަށްޓަކައި ކުރަންޖެހުނު ކޮންމެ ޖިހާދެއް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ ހެޔޮ ބަދަލް ގެނައުމަށް ވެވެން އޮތް ކޮންމެ ގުރުބާނީއެއް ވެވަޑައިގަތުމަށް އެއްވެސް ވަރަކަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖެ އިގްތިސޯދު މިވަނީ މިންނޭންގޭ ފުން ވަޅުގަނޑަކަށްވެއްޓިފައި. ރައްޔިތުން އެދޭފަދަ ތަނަވަސްކަމެއް ގައުމަށް ހޯދުމަށް އިގުތިސާދު ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ