އެންމެ ފަހުން ދޯނި ސާވިސް، އަލީ މޫސާ ހަ މަހަށް އަރުވާލަން ހުކުމްކޮށްފި

ތ. އަތޮޅާއި ލ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިނާއީ އަދި އިގްތިސާދީ މަސައްކަތްކުރާ ހަތް ރަށް ހިމެނޭ ގޮތަށް ދަތުރުފަތުރުގެ ނިޒާމް ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައިވާ ދޯނި ސާވިސަސްގެ ވެރިޔާ ހ. އާޝިޔާނާ އަލީ މޫސާ ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމްކޮށްފި އެވެ.ޖީނާއީ ކޯޓުން އޭނާ އަރުވާލަން ހުކުމް ކުރީ ސޮނީއަށް ދިން 100000 ޑޮލަރުގެ ޗެކެއް ބައުންސްވެ އެ ފައިސާ ނުދެއްކި މައްސަލައެއްގަ އެވެ.ހުކުމުގައި ބުނެފައި ވަނީ ދޯނި ސާވިސްގެ ނަމުގައި 20 ޖެނުއަރީ 2009 ގައި ހަބީބް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކުން ސޮނީ އަށް ޗެކް ދޫކޮށް އެ ޗެކް ބައުންސްވެފައިވާ ކަމަށާއި އެ ޗެކް ބައުންސްވުމުން މިއަދާ ހަމައަށް ވެސް ފައިސާ ދައްކާފައި ނުވާކަން އަލީ މޫސާގެ އިއުތިރާފުން އެނގޭ ކަމަށެވެ.އަލީ މޫސާ އަރުވާލުމަށް ހުކުމް ކުރީ ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނުގެ 93 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ. ހަ ހަމަސް ދުވަހަށް އޭނާ އަރުވާލަން ނިޔާ ކަނޑައެޅިއިރު އެފަދަ ކުށެއް އަލީ މޫސާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ އުގޫބާތް ކަނޑައެޅުމުގައި އެކަމަށް ރިޔާއަތް ކޮށްފައިވެއެވެ.އަލީ މޫސާ އާއި އޭނާގެ ދޯނި ސާވިސްއާ ދެކޮޅަށް  ވަރަށް ގިނަ މިފަދަ މައްސަލަތައް ކޯޓުތަކުގައި ހިނގަމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ