ޒިޔަތުގެ ބަންދުގައި ބަހައްޓަން ހައި ކޯޓުން ތާއީދުކޮށްފި

ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރަށް ހައި ކޯޓުން ދެންމެ ތާއީދުކޮށްފި އެވެ. ޒިޔަތު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ދެމެހެއްޓީ ދަށު ކޯޓުގެ އެ ނިންމުން ޒިޔަތުގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. ޒިޔަތަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ވެސް ގާތް ބޭފުޅެކެވެ. އަދީބުގެ ބަންދަށް ވެސް ދަށު ކޯޓުން 15 ދުވަސް އިތުރުކޮށްފައިވާއިރު އެ ނިންމުމަށް މިދިޔަ ހޯމަ ދުވަހު ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި ޒިޔަތު ހައްޔަރުކޮށްފައިވާ އިރު އެމްއެމްޕީއާރުސީން އެތެރެކުރި ބަޑިބޭސް ކޮންޓެއިނަރެއްގެ މައްސަލައެއްގައި ވެސް ޒިޔަތާ ވަނީ ސުވާލުކޮށްފަ އެވެ. ޒިޔަތު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅޭ ގެ އާއި އެމްއެމްޕީއާރުސީގެ ފާސްކޮށް، އެ ތަންތަނުން ބައެއް ތަކެތި ހޯދާފައިވެ އެވެ. ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ނައިބު ރައީސް އަދީބު ހައްޔަރުކޮށްފައިވާ އިރު އެމަނިކުފާނާ ގުޅުން ހުރި ބައެއް މީހުން ހައްޔަރުކޮށް، ބައެއް ތަންތަން ދަނީ ފާސްކުރަމުންނެވެ. އަދި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ ބޮޑު އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ހަތިޔާރު ވެސް ވަނީ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ