ދިއްފުށީގައި އިރުގެ ހަކަތަ އިން ކަރަންޓް އުފެއްދުމުގެ މަޝްރޫއެއް ފަށަނީ
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ދިއްފުށީގައި އިރުގެ ހަކަތަ އިން ކަރަންޓު އުފެއްދުމަށް 5.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށަން ނިންމައި، ޖަޕާނު ސަރުކާރާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނޮވޮހީޓާ ހޯބޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދެވެ. މި ރަސްމިއްޔާތުގައި މަތީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭން ތެލަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކަރަންޓް އުފައްދަން ފެށުން ކަމަށެވެ. "ސަރުކާރުގެ އަމާޒެއް ރަށްރަށުގައި އުފައްދާ ކަރަންޓުގެ ތިން ބައިކުޅަ އެއް ބަޔަކީ އިއާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުން. މީގެ ކުރިން ވެސް މިފަދަ މަޝްރޫއެއް ވަނީ ކުރި އަށް ގެންގޮސްފައި،" މަތީން ވިދާޅުވި އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޖަޕާނު ސަފީރު ނޮވޮހީޓާ ހޯބޯ ވިދާޅުވީ އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ ރާއްޖޭގެ ރަށްރަށަށް ބޭނުންތެރި ނިޒާމެއް ކަމަށެވެ. "މިއީ ރާއްޖެ އަށް ވަރަށް އެކަށޭނަ ނިޒާމެއް. މީގެ ސަބަބުން ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ކަރަންޓް އުފައްދަން މަގު ފަހިވޭ،" ނޮވޮހީޓާ ވިދާޅުވި އެވެ. ދިއްފުށީގައި ބަހައްޓާ، އިރުން ހަކަތަ އުފެއްދުމުގެ މި ނިޒާމު ބެހެއްޓުމުގެ މަސައްކަތް ކުރަނީ ޖަޕާނު ކުންފުންޏެއް ކަމަށްވާ ކަންސައި އިލެކްޓްރިކް ޕަވާ ކޯޕަރޭޝަނުންނެވެ. މި މަޝްރޫއުގެ ދަށުން 40 ކިލޯ ވޮޓުގެ ކަރަންޓް އުފައްދާ ނިޒާމެއް އެ ރަށުގައި ގާއިމްކުރާނެ އެވެ. އަދި މި ޕްރޮޖެކްޓާ އެކީގައި ދިއްފުށީގެ މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އައިސް ޕްލާންޓެއް ވެސް އެ ރަށުގައި ބަހައްޓާނެ އެވެ. އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފަށައި، ހަ މަސް ތެރޭ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްކުރާ ޖަޕާނުގެ ކަންސައި އިލެކްޓްރިކް ޕަވާ ކޯޕަރޭޝަނުން ބުނީ މި މަޝްރޫއުގެ ދަށުން ދިއްފުށީގައި ބަހައްޓާ އައިސް ޕްލާންޓުގެ ސަބަބުން އެ ރަށުގެ މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ