ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނި ވަޑައި ނުގަންނަވާ އިންތިހާބެއްގައި އެމަނިކުފާނު ހުންނަވާނީ އެމްޑީޕީއާއެކު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ރައީސް ނަޝީދުގެ އެމްޑީޕީގެ ކެމްޕޭނާއި ރައީސް ނަޝީދުގެ މައުލޫމާތު ތައް ހިމެނޭ އެންޑްރޮއިޑް އެޕްލިކޭޝަނެއް "ރައީސް މީހާ" ގެ ނަމުގައި އިފްތިތާހް ކޮއްދެއްވުމަށް މާލޭ ސިޓީ ކައުންސިލް ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ކިތަންމެ ވާހަކައެއް ވެސް ދެއްކި ނަމަވެސް ކިތަންމެ މަޝްވަރާއެއް ކުރިޔަސް "ގާސިމަކީ އެމްޑީޕީގެ ފައުންޑާ މެމްބަރެއް" ކަމަށާއި ކަފިވެގެން ގޮސްފައިވެސް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ބެލިޔަސް އާންމު މެމްބަރުން ވެސް އެއީ ޕީޕީއެމަށް ތާއީދު ކުރާނެ ބައެއް ނޫން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ ދިގު 30 އަހަރުގައި އިދިފުށަށް ބިޑި އަޅުވާފައި ތިބި މީހުން ކަމަށާއި އެމީހުން އެ ވެރިކަން އަލުން އިއާދަ ކުރަން ބޭނުން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ވަހީދަށް ތުހުމަތު ކުރައްވާ ވިދާޅުވީ ވަހީދު މަސައްކަތް ކުރައްވަނީ އިސްތިއުފާ ނުދެއްވާ ރާއްޖެއިން ފުރާ ވަޑައިގަންނަވަން ކަމަށެވެ.
"މިހާރު އަޅުގަނޑު ލަފާކުރާ ގޮތުގައި ރައީސް ވަހީދު މަސައްކަތް ކުރައްވަނީ 16 ވަނަ ދުވަހުވެސް އިސްތިއުފާ ނުދެއްވުމަށް. ރާއްޖެއިން ފުރާވަޑައިގަންނަވާ ވާހަކަ އަޅުގަނޑު އަޑުއަހަނީ 14 ވަނަ ދުވަހު. އަޅުގަނޑު ހިތަށް އަރަނީ 14 ވަނަ ދުވަހު ފުރާ ވަޑައިގަންނަވާށޭ އެ އުޅުއްވަނީ އިސްތިއުފާ ނުދެއްވާ، ދެން 16 ވަނަ ދުވަހު ވެސް އިސްތިއުފާ ނުދެއްވާ ހުންނަވާނީ، ދެން ރާއްޖެއިން ބޭރުގައި ހުންނަވާނީ ދައުލަތުގެ އެންމެމަތީ ވެރިއަކީ ތިމަންނާއޭ ވިދާޅުވެ! ދެން މިތަނުގައި ކަންކަން ހަމަޖައްސާނެ ފުލުހުންނާއި ސިފައިންނާއި ސުޕްރީމް ކޯޓުން. އެމަންޒަރު ފެންނަނީ،" ނަޝިދު ވިދާޅުވި އެވެ.
މިއަދު ލޯންޗް ކޮށްދެއްވި އެޕްލިކޭޝަނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެފަދަ އެޕްލިކޭޝަނެއްގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށް ވަރަށް ފަސޭހަ ވެގެން ދާނޭ ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ ގޮތަކަށް އާންމު ރައްޔިތުންނަށް ވީހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ ބޭނުންވާ ކަމެއް ކަމަށެވެ.
"ރައީސްމީހާ" އެޕްލިކޭޝަންގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކާއި ފޮޓޯ ގެލެރީގެ އިތުރުން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އެވޯޑްތަކުގެ މައުލޫމާތާއި އެމްޑީޕީގެ މެނިފެސްޓޯވެސް ހިމަފައިވެ އެވެ.
ގާސިމް ހުންނަވާނީ އެމްޑީޕީއާއެކު: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ