މުހައްމަދު ހުސައިނާއި އަލީ ސަލީމް ޑީއާރްޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކަޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިންނާއި ފުނަދޫ ދާއިރާގެ މެމްބަރ އަލީ ސަލީމް ޑީއާރްޕީން ވަކިވެއްޖެ އެވެ.
ސީއެންއެމްއަށް އިތުބާރު ހުރިގޮތެއްގައި އެނގިފައިވާގޮތުން އެދެ މެމްބަރުން ވެސް ޑީއާރްޕީން ވަކިވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނަމަވެސް އެކަން ޑިއާރްޕީންވެސް އަދި އެ ބޭފުޅުންވެސް ކަށަވަރުކޮށެއްނުދެއެވެ. މުހައްމަދު ހުސައިނާއި އަލީ ސަލީމުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނު ނުނަންގަވާތީވަނީ ނާކާމިޔާބުވެފައެވެ.
އެދެ މެމްބަރުން ޑީއާރްޕީން ވަކިވިއިރު އިއްޔެ ނެގި ވޯޓުގައި މުހައްމަދު ހުސައިނާއި އަލީ ސަލީމްވަނީ އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވާފައެވެ. އަދި އަލީ ސަލީމް ވަނީ ރޭ ދިޓީވީގައި ޑީއާރްޕީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައެވެ.
އެދެ ބޭފުޅުންގެ ތެރެއިން މުހައްމަދު ހުސައިނަކީ ރައީސް މައުމޫނު ސަރުކާރުގައި މައުމޫނު އަރިހުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެކުރިން މުހައްމަދު ހުސައިން ހުންނެވީ ޕްރެޒިޑެންޓްސް މިނިސްޓަރުގެ މަގާމުގައެވެ. އޭރުވެސް އޭނާ ގެންދަވަނީ ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅުގެ ގޮނޑި ފުރުއްވަމުންނެވެ.
މުހައްމަދު ހުސައިނާއި އަލީ ސާލިމް ވަކިވިއިރު ސުޕްރިމް ކޯޓުން މިއަދު ކުރި ހުކުމަކާ ގުޅިގެން ޑީއާރްޕީގެ ޓިކެޓުގައި އިންތިހާބުވި ބައެއް ކައުންސިލަރުންވެސް އެ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅިގެން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ