ރިއާސީ އިންތިހާބުގެ ކުރިން ސަލްޓަންސްގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމާކަށް ނުކެރޭނެ: އިބުރާ

ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސް އޮފް ދަ ސީސް އަށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިފާ ލޯންތަކަށް ދައްކަންޖެހޭ ފައިސާ މައްސަލަ އަށް ރިއާސީ އިންތިހާބުގެ ކުރިން ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ނުކުރޭނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ. ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިބްރާ ވިދާޅުވީ ބޭންކްގެ ލޯނުތައް ނުދެއްކިގެން ކޯޓަށް ގޮސް މައްސަލަ ނިންމައި މިހާތަނަށް މީހުންގެ ގެދޮރާއި މުދާ ފަދަ ރަހުނު ވިއްކާފައި އެބަހުރި ކަމަށާއި އެއީ އެކަން އޮންނަ ގޮތް ކަމަށް ވީ ނަމަވެސް ތަސްމީނުގެ އާއިލީ ވިޔަފާރިތަކުން ނަގާފައި ހުރި ލޯނުތައް ނުދެއްކިގެން ކޯޓުތަކަށް ހުކުމް ނުކުރެވޭ ކަމަށެވެ. "ޑީއާރުޕީގެ ލީޑަރުގެ މައްސަލަ ދަށު ކޯޓުން ނިމިގެން ވެސް ނުހިނގި. ހައި ކޯޓަށް ގޮސް ދޮޅު އަހަރަށް ފަހު ނިންމައިގެން ވެސް ނުހިނގި. މިހާރު ސުޕްރީމް ކޯޓުގައި ތާށިވެފައި އެ އޮތީ. ރިއާސީ އިންތިހާބެއް ނިމުމުގެ ކުރިއަކުން އެ މައްސަލައެއް ސުޕްރީމް ކޯޓަކުން ނުނިންމާނެ. ދެން ކޮބައިތޯ ސިޔާސީ ނުވެފަ ކޯޓުތައް؟" އިބްރާ ވިދާޅުވި އެވެ. ސަލްޓަންސް އޮފް ދަ ސީސް އިން އޮޅުވާލައިގެން ދެ ލޯންޗެއް އެތެރެކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން 110.2 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރުމުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. މީގެ އިތުރުން އެ ކުންފުނިން ދިވެހި ބޭންކުން ނަގާފައިވާ ލޯނުތަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ވެސް ވަނީ އިސްތިއުނާފު މަރުހަލާގަ އެވެ. "މީ ދޮގެކޭ ވިދާޅުވާން ވެސް އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު ގޮންޖަހާފައި މި ދަންނަވަނީ އަހުމަދު ތަސްމީނު އަލީ ބޭންކް އޮފް މޯލްޑިވްސް އަށް އެ ކުންފުނިން އޮތް މައްސަލަ ]ދަށްކަންޖެހޭ ލޯނުގެ މައްސަލަ[ ނިކަން ނިންމަވާލަބައްލަވާށޭ ރިޔާސީ އިންތިހާބުގެ ކުރީގައި. ކެރިވަޑައެއް ނުގަންނަވާނެ،" އިބްރާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯޓުތަކުގައި ހުރި މަޖިލީސް މެންބަރުންގެ މައްސަލަތައް ވެސް ސަރުކާރު ބަދަލުވުމާ އެކު ނިމުނު ކަމަށާއި މި ސަރުކާރާ ގުޅިގެން ތިބި އެންމެންގެ މައްސަލަ ސާބިތުނުވެ އަދި ސަރުކާރާ ނުގުޅި ތިބި މެންބަރުންގެ މައްސަލަތައް ސާބިތުވެ ގޮނޑި ގެއްލުނު ކަމަށެވެ. "ސުޕްރީމް ކޯޓު ސިޔާސީ ނުވެޔޭ ބުނީމާ އަޅުގަނޑު ހިނި އާދޭ. ސުޕްރީމް ކޯޓަށް ވުރެ ސިޔާސީ އެއްވެސް ޕާޓީއެއް މިއަދަކު މި ރާއްޖެއަކު ނެތް." އިބްރާ ވިދާޅުވި އެވެ. މީގެ ކުރިން ވެސް ފަނޑިޔާރުންނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން އިބްރާގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައި ތަހުގީގުކުރުމަށް ފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ