ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު އަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ރިޔާސީ އިންތިހާބުގެ ފަހުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ވީނިއުސްއަށް މިކަން ޔަޤީންކޮށްދެއްވަމުން ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ ކޯޓު ތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބޭރުކޮށްލާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން މިމައްސަލަ ސީދާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ މީގެ މަހެއްހާ ދުވަސްކުރިންނެވެ.
ހުޅުމާލެ ކޯޓުގައި ކުރިއަށްގެންދާ ރައީސް ނަޝީދުގެ މައްސަލަ ރިޔާސީ އިންތިހާބުގެ ފަހުން ކުރިއަށް ގެންދިއުމަށް ނަޝީދުގެ ޤާނޫނީ ޓީމުން ހުށަހެޅުއްވުމުން ހުޅުމާލޭ ކޯޓުގައި އެންމެ ފަހުން ބޭއްވުނު ނަޝީދުގެ މައްސަލައިގެ އަޑުއެހުމުގައި ދައުވާ ކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަ ޖެނަރަލް އެކަމަށް އިއުތިރާޒު ކުރައްވާފައެއް ނުވެއެވެ.
ނަމަވެސް ހުޅުމާލެ ކޯޓުން ވަނީ ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން އެދިވަޑައިގެންނެވި ގޮތަށް މައްސަލަ ފަސްކުރުމުގެ ބަދަލުގައި ހަތަރު ހަފްތާއަށް މައްސަލަ ފަސްކޮށްދެއްވާފައެވެ.
ނަޝީދުގެ މައްސަލައިގެ އަޑުއެހުމެއް ހުޅުމާލެ ކޯޓުގައި އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.
ޝަރީއަތް ފަސްކޮށްދޭން ނަޝީދު ސުޕްރީމް ކޯޓަށްލީ މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ