ޖޭއެސްސީއާ ބެހޭގޮތުން އދ. ގެ ރެޕަޓުއާ ދެއްކެވި ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އޭ ބެހޭގޮތުން ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭ އދ. ހާއްސަ ރެޕަޓުއާ ގެބްރިއަލާ ނައުލް ދެއްކެވި ވާހަކަތަކަށް އެ ކޮމިޝަންގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވައި ރެޕަޓުއާގެ ވާހަކަތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރޭ ވާހަކަ ދައްކަވައިފި އެވެ. ގެބްރިއެލާ ނައުލް ވިދާޅުވެފައިވަނީ ޖޭއެސްސީ އޮތީ ސިޔާސީ ފަރާތްތަކުގެ ނުފޫޒުގެ ދަށުގައި ކަމަށެވެ. ފަނޑިޔާރުން ނެގުމުގައި އަމަލުކުރާ ގޮތަށް ވެސް ގެބްރިއަލާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އެކަންތައްތައް ވެސް އާންމުކޮށް ހުޅުވާލެވިގެން ކުރިއަށް ގެންދަންޖެހޭ ކަމަށް ރެޕަޓުއާ ވިދާޅުވެފައިވެ އެވެ. ޖުމްހޫރީ ޕާޓީން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ހަފްތާ ބައްދަލުވުމުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ޖުޑިޝަރީގައި ވެސް މައްސަލަތައް ހުންނާނެ ކަމަށާއި އެއީ ރާއްޖޭގެ ޖުޑިޝަރީއަށް އެކަނި ދިމާވެފައިވާ ކަމެއް ނޫން ކަމަށެވެ. ހުރިހާ ގައުމުތަކެއްގެ ޖުޑިޝަރީއަށް ވެސް އިސްލާހު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ޖޭއެސްސީ އަށް ފަނޑިޔާރުން އައްޔަންކުރަނީ އެކަމަށް ބޭނުންވާ ކްރައިޓީރިއާތަކާއި ޝަރުތުތައް އާންމުކޮށް އިއުލާންކޮށްގެން އަދި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެ ފުށް ފެންނަ ގޮތެއް ކަމަށެވެ. އަދި އެގޮތަށް ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އެގޮތަށް ވާހަކަ ދައްކަނީ ކޮންމެވެސް އެހެން ބޭނުމެއްގައި ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު ގާސިމް ވިދާޅުވި އެވެ. " [ގެބްރިއެލާ ވިދާޅުވަނީ] ފަނޑިޔާރުން އައްޔަންކުރަނީ އެއްވެސް ޓްރާސްޕޭރެންޓް ކަމެއް ނެތި ގޯސްކޮށޭ. އަޅުގަނޑަށް ކަށަވަރު އެއީ ދޮގެއްކަން، އެއީ ޖޯކެއްކަން. އަޅުގަނޑުމެން ނޫހުގައި ޖަހާ އެކަން ]ފަނޑިޔާރުން ހޯދުމަށް[ އިއުލާނުކޮށް ބޭނުންވާނެ ހުރިހާ ކްރައިޓީރީއާތަކަކާ އެއްޗެހި ބަރާބަރަށް ސެޓްކޮށް ކިޔައިދީގެން ނޫހުގައި ޖަހާފައި އޮންނާނެ އިއުލާންކޮށްފައި އިންޓަވިއު ކުރާނެ ގޮތާއި އެކަމަށް ޝަރުތު ފުރިހަމާ ގޮތާއި އެ ހުރިހާ އެއްޗެއް، ގަވާއިދު ހަދާ އިއުލާނުކޮށް އޭގެ މައްޗަށް އަކުރެއް ފިއްޔެއް ވެސް ތަފާތު ނުކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ، އަޅުގަނޑަށް ކަށަވަރު އެއަށްވުރެ ބޮޑު ދޮގެއް އޭނާ ]ގެބްރިއަލާ] ނަހަދާނެ،" ގާސިމް ވިދާޅުވި އެވެ. ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރިއިރު ޖޭއެސްސީއަށް މެމްބަރުން ކަނޑައަޅާނެ ގޮތްތައް ކަނޑައެޅީ ވެސް މެމްބަރުންގެ މެދުގައި ވަރަށް ވަރުގަދައަށް ބަހުސްކޮށްފައި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓު ތަމްސީލުކުރުމަށް އުއްތަމަ ފަނޑިޔާރު ޖޭއެސްސީގައި ނުހިމަނަން މިހާރުގެ ގާނޫނު އަސާސީގައި ހިމެނީ ވެސް ސުޕްރީމް ކޯޓު ވެސް އިސްލާހުކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށްޓަކައި ކަމަށް ގާސިމް ވިދާޅުވި އެވެ. ޖޭއެސްސީ އެކުލަވާލާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ ގޮތަށް ބެލެންސްކޮށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީ ބައްޓަންކުރަންވީ ގޮތް އެނގޭނީ ރައްޔިތުންނަށް ކަމަށާއި އެއަށް ފާޑު ކިޔާ ވާހަކަ ނުދެއްކޭނެ ކަމަށާއި އެއަށް ބޯލަބަންޖެހޭނެ ކަމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް އޮންނަނީ އެގޮތަށް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް އިތުރަށް ވިދާޅުވީ ޖޭއެސްސީގެ މަސައްކަތް އެންމެ ރަނގަޅަށް ކުރިއަށް ނުދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުގައި އެ ކޮމިޝަނަށް ހަމަޖެއްސެވި އައިޝަތު ވެލެޒިނީގެ ސަބަބުން ކަމަށެވެ. "ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ މަސައްކަތް އެންމެ ފުރިހަމައަށް ނުދިޔައީ ކެނެރީގޭ މުހައްމަދު ނަޝީދުގެ ވެރިކަމުގެ އޭނާ އެތަނަށްލި ވެލެޒިނީ ކިޔާ މީހަކު އެތަނަށް އައިސް އެތަން މުޅިން ހަލާކުކޮށްލީ. އެކަމުގެ ސަބަބުން އެތަން ހަލާކުވެގެން ދިޔައީ، މިއަދު އަޅުގަނޑުމެން އެތައް މަސައްކަތެއް ކޮށްގެން އައިސް މިއަދު އެތަން ހަމައަށް އެއޮތް އެޅެނީ" ގާސިމް ވިދާޅުވި އެވެ. ރޭގެ ބައްދަލުވުމުގައި ވަނީ މ. ކުނޫޒުގައި ހިންގަމުން އަންނަ ޖުމްހޫރީ ޕާޓީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިފަ އެވެ. އެތަން ހުޅުއްވައިދެއްވީ ގާސިމެވެ. ރޭ ވެސް އެ ޕާޓީއަށް ސޮއިކުރި ބައެއް މެމްބަރުންގެ ފޯމްތައް ޕާޓީއާ ހަވާލުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ