ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުކުރާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ގާނޫނެއް ފާސްކުރިޔަސް މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭނޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭގޮތް ހެދުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހެޅުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލުމަށް ސަރުކާރު ހިންގާ ޕާޓީން ސުޕްރީމް ކޯޓުގެ ތެރެއިންނާއި އެކި ގޮތްގޮތުން ކުރަމުންދިޔަ މަސައްކަތްތައް ނާކާމިޔާބު ވުމުން މިހާރު އެ އުޅެނީ ގާނޫނެއް ފާސްކޮށްގެން އެކަން ކުރުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އެފަދަ ގާނޫނެއް ފާސްކުރި ނަމަވެސް މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ މައްޗަށް އެގާނޫނު ތަންފީޒު ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ކުރީން ހިނގާފައިވާ ކަމަކަށް ފަހުން ގާނޫނެއް ހަދައިގެން ތަންފީޒު ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެހެންވީމާ އެއްވެސް އިދާރާއަކަށް އެއްވެސް ގޮތަކުން އެ މެންބަރުންގެ ގޮނޑި ގެއްލުވައި ނުލެވޭނެ ކަމަށާއި ގޮނޑި ގެއްލޭނެ ގޮތް ގާނޫނު އަސާސީގައި އެއޮތީ ސާފު ބަހުން ބަޔާންވެގެން ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދެން އަންނަ ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެންބަރުންގެ މައްޗަށް އެފަދަ ގާނޫނެއް ތަންފީޒު ކުރެވިދާނެ ކަމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ ކަމަށެވެ. މިކަމަކީ ޝައްކެއް އޮޅުމެއް ނެތް މިންވަރަށް ސާފު މައްސަލައެއް ކަމަށާއި ސަރުކާރުން ހަމަކޮންމެ ކަމެއްވެސް ހިންގާން އުޅެނީ ގާނޫނުއަސާސީގެ ތަރަހައިން ބޭރުގައި ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުން އެއްވެސް ހާލެއްގައި ފުރުސަތު ދޭނޭ ކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މެމްބަރުން މަޖިލީހަށް އިންތިޚާބުކުރާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ނިހާން ހުށަހެޅި ބިލްގެ ތައާރަފްގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީގެ މެންބަރު ކަމުން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގާނޫނު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން އެކަމާ ގުޅޭގޮތުން ކުރި ހުކުމްގައި މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެގޮތް ހެދުމަށް މަޖިލީހުން ގާނޫނެއް ފާސްކުރުމަށްވެސް އަންގާފައި ވެއެވެ.
ނަމަވެސް މަޖިލީހުން އެކަން ނުކޮށް އެތައްމަހެއް ފާއިތުވުމުން ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރުގައި ވަނީ ޖުލައިމަހު އެ ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ.
އެކަމަކު އޭގެ ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން ސުޕްރީމް ކޯޓުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ އަމުރުގައި މަޖިލިސް މެންބަރުންނާ ގުޅޭގޮތުން ހިމަނާފައިވާ ބަޔަށް އަމަލުކުރުން ވަނީ ފަސްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ މިއަމުރާ ގުޅިގެން މަޖިލީހުގެ 12 މެންބަރަކަށް މަޖިލީހަށް ވަނުމަށް ސަލާމަތީ ފަރާތްތަކުން ދަނީ ހުރަސްއަޅަމުންނެވެ.
ގާނޫނު ފާސްކުރިޔަސް މިހާރު ހިނގަމުންދާ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ