ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރުމަށް އާޒިމާ ޝަކޫރުގެ ދައްތައާއި ބޭބެ ގޮވާލައްވައިފި

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގޭ ބަންދަށް ބަދަލު ކުރުމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ބޭބެ އާތިފު ޝަކޫރާއި ދައްތަ އާމިނަތު އާތިފާ ގޮވާލައްވައިފިއެވެ.
އާތިފު ޝަކޫރު ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އާތިފު ގޮވާލެއްވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ކުރީގެ ރައީސް މައުމޫން ގޭބަންދަށް ބަދަލުކޮށް ދިނުމަށް ގޮވާލައްވާފައި މިވަނީ، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ރައީސް މައުމޫނު ހާޒިރު ކުރުމުން އިންސާނިއްޔަތުކަމައްޓަކާ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެމަނިކުފާނު ގާޒީގެ އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ.
ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ވަރުގަދަ އިކޮނޮމިސްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާތިފު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމާ މެދު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އިންސާނިއްޔަތައްޓަކާ އެމަނިކުފާނު ގޮވާލެއްވި ގޮވާލެއްވުން އަޑުއަހާ އެކަން ކޮށްދޭން ޖެހޭ ކަމަށެވެ.
އާތިފުގެ މި ޓްވީޓަށް ސާބަސް ދެއްވަމުން އާމިނަތު އާތިފާވަނީ ފޭސްބުކްގައި އެ ޓުވީޓު ހިއްސާ ކުރައްވާ ފައެވެ. އަދި ފާޅުކަން ބޮޑުކޮށް އާތިފު އެކަމަށް ގޮވާލައްވާފައިވާތީ އުފާ ކުރައްވާ ކަމަށް އާތިފާ ވަނީ ވިދާޅުވެފައެވެ. 
މިސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން އަދާ ކުރައްވާފައިވާ އާތިފާ ސަރުކާރާ ފެއަށް ޖެހިވަޑައިގެންފައިވަނީ ފަހުން ޖެންޑާ މިނިސްޓްރީ އަށް ބަދަލު ކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ