ޓެރަރިޒަމްގެ ދައުވާއަށް އިލްހާމް އިންކާރު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާއަށް އިންކާރު ކުރައްވައިފިއެވެ.
އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
މެމްބަރު އިލްހާމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ އިލްހާމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާއަށް އިލްހާމް އިންކާރު ކުރައްވާފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޕްރެޒެންޓޭޝަނެއް ކޯޓުގައި ހުށަހެޅި ކަމަށެވެ.
އަދި އެޕްރެޒެންޓޭޝަނުގައި 2017 ވަނަ އަހަރުގެ ގަޒިއްޔާއަކާ ހަވަލާދީ އެގަޒިއްޔާއިން އިލްހާމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ދައުލަތުން ބުނި ކަމަށެވެ.
އެހެން ނަމަވެސް އެއީ ތެދު ނޫން މައުލޫމާތެއްކަން އިލްހާމްގެ ފަރާތުން ފާހަގަކުރެއްވި ކަމަށް ހިސާން ވިދާޅުވިއެވެ.
އެކަން ފަހަގަކުރެއްވުމުން ދޮގު މައުލޫމާތެއް ކޯޓުގައި ދައުލަތަށް ފާހަގަކުރެވުނު ކަމަށްޓަކައި ދައުލަތުން މައާފަށް އެދުނު ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ އިލްހާމް ބަންދުގައި ހުންނެވި ހުންނެވުން އިތުރަށް މުރާޖައާ ކޮށްދިނުމަށްވެސް ކޯޓުގައި އެދުނު ކަމަށާއި އެހެން ނަމަވެސް އިލްހާމް ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ފާހަގަވެފައި ނުވާ ކަމަށް ގާޒީ ވިދާޅުވި ކަމަށެވެ.
އިލްހާމް މާފުށީގައި ބަންދުކޮށްފައި ހުންނަނީ އެކަހެރިކޮށް އެހެން މީހުންނާ މުއާމަލާތް ނުކުރެވޭ ގޮތަށްކަން ފާހަގަކުރައްވައި އެއީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށް ކޯޓުގައި ވިދާޅުވި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށްފަހު އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އަމުރުކޮށްފައިއެވެ.
އިލްހާމް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އޭނާ ހޯދަން އިއުލާނުކުރުމާ ގުޅިގެން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ