މިއީ، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރަން ދައްކާ ބަހަނާ: އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

މިހާރު މިހިންގާ ޝަރީއަތަކީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރުމަށް ބަހަނާ ދެއްކުމަށްފަހު އެމަނިކުފާނުގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ހިންގާ ޝަރީއަތެއް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ "އަދުލުއިންސާފް ގާއިމްކުރުމަށް ހުރަސް އެޅުމުގެ" ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ އަޑުއެހުމުގައި ގާޟީ، ދައުވާ ސާފުވެވަޑައި ގަންނަވާތޯ ސުވާލު ކުރެއްވުމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ތަކުރާރުކުރައްވައި ވިދާޅުވީ، ދައުވާ ސާފުވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، މިއީ ހައްގުތައް ހިފެހެއްޓުމަށްފަހު އާބިޓްރަރީކޮށް ކުރިޔަށްގެންދާ ޝަރީއަތެއްކަން މުޅި ރާއްޖެއާއި މުޅި ދުނިޔެއަށްވެސް އެނގޭ ކަމަށެވެ.
އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުންކަމަށް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބުނެފައިވާއިރު ފާޅުކަންބޮޑު ގޮތެއްގައި އެހުކުމް ތަންފީޒު ނުކުރުމަށް ބަހަނާ ދެއްކުމަށްފަހު އެމަނިކުފާނުގެ މައްޗަށް މިހިންގާ ޝަރީއަތަކީ ދޮގު ތުހުމަތުތަކެއްގެ މައްޗައް ހިނގާ ޝަރީއަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނާމެދު އަމަލުކުރަމުންދަނީ އުއްތަމަ ފަނޑިޔާރަކާމެދު އަމަލުކުރަން އޮންނަ ގޮތަކަށް ނޫންކަންވެސް ފާހަގަކުރައްވައި ވިދާޅުވީ، މިއީ ގާނޫނުއަސާސީ ފުނޑުފުނޑުކޮށްލައި މުގުރާލުމަށްފަހު ކުރިޔަށްގެންދާ ކަންކަން ކަމަށެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކަށް ޗެލެންޖު ނުކުރެވޭނެކަން ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނުތައް ފުނޑާލުމަށްފަހު ކުރި ތަހުގީގަކާއި ފޯނަކާ އޮންނާނީ ކޮން ގުޅުމެއްކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވަނީ، އެމަނިކުފާނު ހައްޔަރުކުރި ގޮތާއި، އަދި އެމަނިކުފާނު ބަންދުގައި ބަހައްޓައިގެން އަމަލުކުރަމުން ގެންދަނީވެސް ގާނޫނާ ޚިލާފަށްކަން ފާހަގަ ކުރައްވާފައެވެ. ދުސްތޫރީ ގިނަ މައްސަލަތަކެއްވެސް ހިމެނޭކަން ފާހަގަ ކުރައްވައިފައެވެ.
ވަކީލުންނާ މަޝްވަރާ ކުރުމަށްވެސް އެމަނިކުފާނަކަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށާއި، ކޯޓަކުން ދޭންޖެހޭ އެންމެ އަސާސީ ހައްގުންވެސް އެމަނިކުފާނު މަހުރޫމްވެފައިވާ ކަމަށާއި މިހާތަނަށް ލިބިވަޑައިގެންފައިވަނީ ހަމައެކަނި ވަކީލެއްގެ ނަން ހުށަހެޅުމުގެ ހައްގު އެކަނިކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ބަންދުގައި ބަހައްޓައިގެން ކޮންމެ ދުވަހަކު ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާއިރު ފަނޑިޔާރުންގެ ސިއްހީ މައްސަލަތަކަށް ސަމާލުވުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދުގެ ސިއްހީ ހާލަތު ހުރިގޮތުން ކޮންމެ ރެއަކު ނިދިކުރައްވަން ޖެހިވަޑައިގަންނަވަނީ އޮކްސިޖަން ގުޅައިގެންކަން ފާހަގަ ކުރެއްވިއެވެ. ޚުދު އެމަނިކުފާނަކީވެސް ސިއްހީ މައްސަލަތަކަށް ބޭސް ނަގަމުން އަންނަ ފަރާތެއްކަން ފާހަގަ ކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު ހުރިހާ ވާހަކަފުޅެއް ދެއްކެވުމުން، ގާޟީ ސުވާލު ކުރެއްވީ ދައުވާއަށް އިންކާރު ކުރައްވާތޯއާ މެދުގައެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުވާތައް އިންކާރު ކުރައްވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ކުރީގެ ރައީސް މައުމޫނާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހަންމަދުގެ މައްޗަށް ކޮށްފައިވަނީ 1 ފެބްރުއަރީގެ ހުކުމާއި ގުޅިގެން ތުހުމަތުކުރެވޭ މައްސަލަތަކެއްގައި އެބޭފުޅުންގެ ފޯނުގައި ހެކިތަކެއް ވާކަމަށް ބެލެވިފައިވަނިކޮށް އެ ފޯނުތައް ތަހުގީގަށް ހަވާލު ކުރެއްވުމަށް ދެކޮޅު ހެއްދެވުމުން ކުރާ ދައުވާއެވެ.
މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ ވަކީލުންވަނީ، އެމަނިކުފާނުގެ ފޯނުގައި ހެކިތަކެއް ހުރިކަމަށް ބެލެވޭތީ ދައުވާ ކޮށްފައިވާއިރު އެމަނިކުފާނު ފޯނު ގެންގުޅެއްވި ކަމެއްވެސް ބައްލަވާފައި ނުވާކަން ފާހަގަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ