ގދ. އަތޮޅަށް ރައީސް ކޮށްދެއްވާ ކަންތައްތަކަށް އެއަތޮޅުގެ ރައްޔިތުން އިހުލާސްތެރިވާން ޖެހޭނެ: ނިހާން
ގދ. ތިނަދޫއަށް ތަރައްގީ ގެނެސްދެއްވި ހަމައެކަނި ރައީސަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށާއި، މިދައުރުގެ ތެރޭގައި އެރަށަށް އެއްބިލިއަން ރުފިޔާގެ ތަރައްގީ ގެނެސްދެއްވާފައިވާކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެެވެ. ނިހާން މި ހެން ވިދާޅުވީ ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ގދ. އަތޮޅަށް ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވާ ކަންތައްތަކަށް އެ އަތޮޅުގެ ރައްޔިތުން އިހުލާސްތެރި ވާން ޖެހޭނެ ކަމަށެވެ. ނިހާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިނަދޫއަށް ވެވަޑައިގަތް އެއްވެސް ވައުދެއް ފުއްދިފައި ނުވާކަމަށާއި އެކަމަކީ އެރަށުގެ ރައްޔިތުންވެސް ގަބޫލުކުރައްވާ ހަގީގަތެއްކަމަށެވެ. ތިނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ނިހާން ވިދާޅުވީ އެރަށަކީ ޚާއްސަ ހާލަތެއް ކުރިމަތިވެފައިވާ ރަށެއްކަން ގަބޫލު ކުރައްވާ ރައިސް ޔާމީން ދައުރުގައި ތިނަދޫ އަށް އެއް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ގެންދެވިފައިވާކަމީ އުފާކުރައްވަންޖެހޭ ކަމެއްކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގައިވެސް ގދ. އަތޮޅަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވި އެއް ރަށަކީ ގދ. ތިނަދޫ ކަމަށް ވިދާޅުވެ، ނިހާނު ވަނީ އިހުލާސްތެރިކަމުގެ އަގު ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއަށް އިޝާރަތް ކުރައްވާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެ ދެބޭފުޅުންނަކީ ރައްޔިތުންނަށް އިހްސާންތެރި ވަފާތެރި ބަޔަކަށް ނުވިކަމަށް. އެހެންކަމުން ސަރުކާރަށް ވަފާތެރި ދެ މެންބަރުން މިދާއިރާގެ ބައި އިލެކްޝަނުގައި ހޮވާދިނުމަކީ ތިނަދޫ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއްކަމަށް ނިހާން ވިދާޅުވިއެވެ. ޕީޕީއެމްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ސަރުކާރުގެ ވަޒީރުނާއި، މަޖިލީސް މެންބަރުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ