ޗައިނާގަައި މީހަކު ވަޅިން ހަމަލާދީ 7 ކުދިން މަރާލައި 12 ކުދިން ޒަޚަމްކޮށްލައިފި

ޗައިނާގައި މީހަކު ވަޅިން ހަމަލާދީ ހަތް ކުޑަކުދިން މަރާލައި އިތުރު 12 ކުދިން ޒަޚަމް ކޮށްލައިފިއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހަމަލާގައި 19 ކުދިން ޒަޚަމްވެފައި ވެއެވެ.
މިހާދިސާ ހިނގާފައިވަނީ ޗައިނާގެ އުތުރުގެ ޝާންޒީ ޕްރޮވިންސްގެ މިޒީ އަވަށުގައެވެ.
ވަޅި ހިފައިގެންހުރި މީހާ ހަމަލާދިނީ ސްކޫލެއްގެ މެންދުރުފަހުގެ ދަންފަޅި ނިމިގެން ކިޔަވާކުދިންތައް ގެއަށްދާން ނުކުތް ވަގުތުއެވެ.
މިޒީ އަވަށު އޮފީހުން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކިޔަވާކުދިންނަށް ވަޅިން ހަމަލާދިން މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި ޒަޚަމްވި ކުދިންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާ ކަމަށްވެސް ބުނެފައި ވެއެވެ.
މިޒީ އަވަށުގެ އަވަށު އޮފީހުން ބުނެފައިވަނީ، ވަޅި ހިފައިގެންހުރި މީހާ ކިޔަވާކުދިންނަށް ހަމަލާދިނީ ޗައިނާ ގަޑިން ހަވީރު 6:10 އެހާއިރު ކަމަށެވެ.
މިހަމަލާގައި މަރުވި އަދި ޒަޚަމްވި ކުދިންގެ އުމުރެއް އަވަށު އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، ވަޅި ހިފައިގެންހުރި މީހާ ހަމަލާދިން ސްކޫލަކީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކިޔަވަންދާ ސްކޫލެއް ކަމަށް މީޑިއާއިން ބުނެއެވެ.
ފުލުހުން ވަރުގަދައަށް ފޯރިމަރާ ގައުމެއް ނަމަވެސް، ވަޅިން ހަމަލާދިނުމުގެ ހާދިސާތައް ޗައިނާގައި މިހާރު އިތުރުވަމުން އަންނަކަން މީޑިއާއިން ފާހަގަ ކުރެއެވެ.
މިއަހަރުގެ ފެބްރުއަރީމަހުވެސް ޗައިނާގެ ވެރިރަށް ބެއިޖިންގެ ޝޮޕިންގެ މޯލެއްގެ ތެރެއަށް ވަޅިއެއް ހިފައިގެންހުރި މީހަކު ވަދެ ވަޅިން ހަމަލާދީ އަންހެނަކު މަރާލައި، އިތުރު 12 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.
ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޝެންޒެންގައި ވަޅިއެއް ހިފައިގެންހުރި މީހަކު ސުޕަރމާކެޓެއްގެ ތެރެއަށްވަދެ ވަޅިން ހަމަލާދިނުމުގެ ސަބަބުން ދެމީހުން މަރުވެ، އިތުރު ނުވަމީހުން ޒަޚަމްވިއެވެ.
ޗައިނާގެ ދެކުނުގެ ގުއާންޝީ ޝުއަންގެ ޕްރީ ސްކޫލަކަށް ވަޅިއެއް ހިފައިގެންހުރި މީހަކު ވަދެ 2017 ވަނަ އަހަރުގެ ޖެނުއަރީމަހު 11 ކުޑަކުދިން ޒަޚަމްކޮށްލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ