ގާސިމް ދޫކޮށްނުލައިފިނަމަ ޔާމީން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެ: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަން އެނގިހުރެ ގޮތްދޫނުކޮށްފިނަމަ ރައީސް ޔާމީން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނު މިރޭ ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ.
އަމީންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާނޫނުގެ ތެރެއިން ހުރިހާކަމެއް ކުރައްވާކަމަށް ވިދާޅުވާ ރައީސް ޔާމީން ގާނޫނަށް ފައިން އެރޭނީ މިހާ މިންވަރަަކަށްކަމަށެވެ. އަމީން މިހެން ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އަށް އިޝާރާތްކޮށެވެ. އެ މާއްދާގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ޕީޖީން އެދިގެންކަމަށެވެ. ނަމަވެސް ގާސިމް ހައްޔަރުކޮށްފައިވަނީ މި އުސޫލްތަކާއި މުޅިން ޚިލާފަށްކަމަށެވެ.
އަމީން ވިދާޅުވީ ގާސިމް ޖެހޭނީ ދޫކޮށްލަންކަމަށެވެ.
އަދި ރައީސް ޔާމީނަށް ހިނދުކޮޅު އައިސްގެން ގާނޫނާއި ޚިލާފުވެއްޖެކަމަށް އެޑްވައިޒަރުވެސް ލަފާ ދީފައިވާކަމަށެވެ. އަދި ރައީސް ޔާމީން ވަރަށް އަވަހަށް އުނބައްޖަހާތަން ފެންނާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަން އެނގިހުރެ ގޮތްދޫނުކޮށްފިނަމަ ރައީސް ޔާމީން ދައްކަންޖެހޭ އަގު ވަރަށް ބޮޑުވާނެކަމަށެވެ. އަދި އެކަން މާޒީން ފެންނަން އެބައޮތްކަމަށް އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ