ރާއްޖޭގައި ހާލަތުއްޟަރޫރާއެއް ނެތް: ޑރ. މަޖީދު

ހާލަތުއްޟަރޫރާ ނުވަތަ ޟަރޫރީ ހާލަތަކީ އިސްލާމްދީނުގެ މައިގަނޑު 5 މަގްސަދުގެ ތެރެއިން މަގްސަދެއް ގެއްލިގެންދާ ދަނޑިވަޅުތަކުގައި އިސްލާމީ ޝަރީއަތުގައި އަމަލުކުރަން އޮންނަ ޚާއްސަ ހާލަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ، ހާލަތުއްޟަރޫރާއަކީ އިސްލާމްދީނުގެ މައިގަނޑު 5 މަގްސަދާ ޚިލާފްކަމެއް ހިނގައިގެން އެއިން ހާލަތެއްގައި ޝަރީއަތުން ހުއްދަ ނުކުރާ ކަމެއް ކުރުން ކަމަށެވެ. އެގޮތުން، އެ ފަސް މަގްސަދު ޑރ ބާރީ ވިދާޅުވެ ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްސަލާގަ މަޖިލީހުން ގާނޫނެއް ފާސްކުރީ މަޖިލީހުގެ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ޟަރޫރީ ހާލަތެއްގައި ފާސްކުރި ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ނިންނެވިކަން ފާހަގަ ކުރެއްވިއެވެ.
ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ، މިހާރު ދިމާވެގެންއުޅޭ ހުރިހާވެސް ކަމަކީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުން ކަމަށާއި، އެހެން ނަމަވެސް އެ ހާލަތަކީ އިސްލާމްދީނުގެ މައިގަނޑު 5 މަގްސަދުގެ ތެރޭގައި ހިމެނޭ ހާލަތެއް ނޫން ކަމަށެވެ.
މިސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޑރ. މަޖީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަށް ފަހުގައި ކަމަށާއި، އެހެން ނަމަވެސް ފެންނަނީ ވައުދުތަކާ ދިމާ އިދިކޮޅަށް ކަންތައްތައްދާ މަންޒަރު ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ތަޅުއެޅުވި، ސަރުކާރުގެ އަނިޔާތައް އާންމުވެފައިވާ ކަމަށް ޑރ. މަޖީދު ވިދާޅުވީއެވެ.
އެގޮތުން، ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫނުގެ އުމުރުފުޅުން ދުވަސްވެފައި ވުމާއެކުވެސް އެމަނިކުފަނާމެދު ކަންތައް ކުރަމުންގެންދާގޮތް ފާހަގަކުރެއްވިއެވެ. ޑރ. މަޖީދު ވިދާޅުވީ، ޝަރީއަތް ކުރުމަށް ކަމަށްބުނެ މައުމޫން ކޯޓަށް ގެނެސް ހަގަޑި ހަތްގަޑިއިރު ވަންދެން ގެންގުޅުމަކީ ގަބޫލު ކުރެއްވޭނޭ ކަމެއް ނޫން ކަމަށެވެ.
އެއީ ކޯޓުން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ސީދާ ރައީސް ޔާމީން އަންގަވައިގެން ކުރާ ކަންތައްތައް ކަމަށްވެސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވިއެވެ.
"ސަރުކާރަށް ގޮވާލަން އެގޮތަށް އެކަން ނުކުރަން، އިންސާފުން ކަންކަން ގެންދަން. ހަމަ އެއާއެކު، ޖަލަށް ހުކުމް ކޮށްފަ ތިއްބެވި ލީޑަރުންނަށްވެސް އާއިލީ ބައްދަލުވުންފަދަ، ޖަލުގެ ގަވާއިދުތަކާއި ގާނޫނުން ލިބިދޭ ހައްގުތަކެއް އެބަހުރި. އެއިން އެއްވެސް ހަގެއް ނުލިބޭ، ހައްގުތަކުން މަހްރޫމް ކުރެވިފައިވަނީ. ސަރުކާރުން ގާނޫނަށް ހުރުމަތްތެރިކޮށް ހިތާކަމަށް ވާނަމަ ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރަންޖެހޭ" ޑރ. އަބްދުލް މަޖީދު ވިދާޅުވިއެވެ.
ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ، ޖަލާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ލިބިދޭ ހައްގުތަކުން ޖަލުގައި ހައްޔަރުކުރެވިފައިވާ ލީޑަރުން މަހްރޫމް ކުރުމަކީ ކަރެކްޝަނުން ބޭނުންވެގެން ކުރާ ކަމެއްނޫން ކަމަށާއި، އެއީވެސް ސީދާ ޔާމީން އަންގަވައިގެން ކުރާ ކަމެއް ކަމަށެވެ.
ޑރ. މަޖީދު ވިދާޅުވީ، މިރާއްޖޭގައި މިހާރު ކަން ހިނގަމުންދާ ގޮތަކީ ކެންސަރެއް ކަމަށާއި، މިކެންސަރު ނައްތާލަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ