މިދިޔަ ހޮނިހޮރު ދުވަހު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލި ދާއިރާގައި ވޯޓްލި ތިން ފޮށްޓެއްގެ ބާތިލު ވޯޓު އަލުން ގުނުމުންވެސް، އިންތިޚާބު ކާމިޔާބު ކުރެއްވި ގާސިމް އިބްރާހިމްއަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަގު ބޮޑުވެއްޖެއެވެ.
މާމިގިލީގެ އިތުރުން، ފެންފުށި ހިމެނޭ މާމިގިލީ ދާއިރާގެ ތިން ވޯޓްފޮށްޓެއްގެ ބާތިލްވޯޓު އިލެކްޝަންސް ކޮމިޝަނުން މިރޭ އަލުން ގުނާފައިވަނީ މާމިގިލި ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެއްގެ މަންދޫބަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ހުށަހެޅީ ކޮން ކެންޑިޑޭޓެއްގެ ފަރާތުން ކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.
މާމިގިއްޔާއި ފެންފުށީގެ ތިން ވޯޓްފޮށްޓެއްގެ ބާތިލް ވޯޓް އަލުން ގުނުމުން، ގާސިމް އިބްރާހިމްއަށް ކުރިން ލިބިވަޑައިގެންނެވި ވޯޓުގެ އަދަދަށް 64 ވޯޓްވަނީ އިތުރުވެފައެވެ.
ގާސިމް އިބްރާހިމްއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް އަލީ އަމީޒަށް 45 ވޯޓް އިތުރުވެފައި ވެއެވެ.
ބާތިލް ވޯޓު އަލުން ގުނައި އިލެކްޝަންސް ކޮމިޝަނުން ސައްހަކަމަށް ނިންމެވި ވޯޓުގައި ފުރަތަމަ ފޮށިން ގާސިމް އިބްރާހިމްއަށް 9 ވޯޓް އިތުރުވިއިރު، އަލީ އަމީޒަށް އިތުރުވީ 2 ވޯޓެވެ. ބާތިލް ކަމަށް ކަނޑައަޅާފައިވަނީ 10 ވޯޓެވެ. ދެވަނަ ފޮށިން ގާސިމްއަށް 23 ވޯޓް އިތުރުވިއިރު އަލީ އަމީޒަށް އިތުރުވީ 14 ވޯޓެވެ. ބާތިލް ކަމަށް ކަނޑައަޅާފައިވަނީ 8 ވޯޓެވެ. ތިންވަނަ ފޮށިން ގާސިމަށް 32 ވޯޓް އިތުރުވިއިރު އަމީޒަށް އިތުރުވީ 29 ވޯޓެވެ. ބާތިލް ކަމަށް ކަނޑައަޅާފައިވަނީ 15 ވޯޓެވެ.
ބާތިލްވޯޓު އަލުން ގުނުމުން ގާސިމް އިބްރާހިމްއަށް ލިބިވަޑައިގެންނެވި ޖުމްލަ ވޯޓުގެ އަދަދު މިވަނީ 1،145 އަރާފައެވެ. އަލީ އަމީޒަށް ލިބިވަޑައިގެންނެވީ 1،046 ވޯޓެވެ. އެހެންކަމުން، 99 ވޯޓުގެ ފަރަގުން ކުރި ހޯއްދަވާފައިވަނީ ގާސިމް އިބްރާހިމްއެވެ.
ގާސިމް އިބްރާހިމްގެ އިތުރުން، މާމިގިލީގެ ދާއިރާއަށް ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒާއި، ލޭބާ ޕާޓީގެ ކެންޑިޑޭޓް އަހުމަދު އިބްރާހިމްއެވެ.
ނަތީޖާއަށް އަސަރު ކުރާނެކަމަށް ބެލެވޭ މައްސަލަތަކެއް ކަމަށް ކަނޑައަޅައި އިލެކްޝަނުން މާމިގިލީ ދާއިރާގެ ތިން ވޯޓް ފޮށްޓެއްގެ ބާތިލް ވޯޓް އަލުން ގުނާފައިވާއިރު، މާވަށު ދާއިރާއާއި، ކެންދޫ ދާއިރާގެ ވޯޓްފޮށިތަކެއްގެ މައްސަލަވެސް އިލެކްޝަންސް ކޮމިޝަނުން ބަލަމުން އެބަގެންދެއެވެ.
ބާތިލް ވޯޓު އަލުން ގުނުމުންވެސް ކުރި ހޯއްދެވީ ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ