މިސްކިތަށް ދާ މީހުން ގައިޑްލައިނަށް އެއްގޮތަށް އަމަލު ނުކުރޭ - މިނިސްޓަރ

ކޮވިޑް-19 އާ ގުޅިގެންް މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް އެންމެ ފަހުން ދިން ލުއިތަކާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހުޅުވާލިއިރު، މިސްކިތައް ނަމާދަށް އަންނަ ދާ ފަރާތްތަކާއި، ކައުންސިލުތަކުން ކަންތައްތައް ބަހައްޓަންޖެހޭ ގޮތުގެ ޤައިޑްލައިނެއް އާންމުކުރި ނަމަވެސް ،މިސްކިތަށް ދާ މީހުން އެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުނުކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މާލޭ ސިޓީގެ މިސްކިތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، މާލޭ ސިޓީ ކައުންސިލުގެ މޭޔާ ސިފާ މުޙައްމަދު އާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ.
އެގޮތުން މިނިސްޓަރ ވަނީ މިސްކިތަށް ދާއިރު މާސްކް ނޭޅުމާއި، މުސައްލަ ނުގެނައުމުގެ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި ނަމާދުގައި ތިބޭ މީހުން މާބޮޑަށް ގާތްގާތުގައި ތިބޭ މައްސަލަވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެޗް.ޕީ.އޭ އާއި މިނިސްޓްރީން ކަނޑައަޅާފައިވާ ކަންތައްތަކަށް ސަމާލުކަން ނުދޭނަމަ އިތުރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
މިސްކިތްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ފަރާތުން މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވަމުން މޭޔަރ ސިފާ ވިދާޅުވީ، މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި އެކަމާއި ހަވާލުވެ ތިބޭ މީހުންނާއި ގުޅިގެން މަސައްކަތް ކުރައްވާކަމަށެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މިސްކިތްތަކުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީ ގުޅިގެން އިތުރަށް މަސައްކަތްކުރުމަށް މަޝްވަރާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ