އުއްމީދަކީ މާތްﷲ ގެ އިރާދަފުޅާއި އެކު ވަރަށް އަވަހަށް ބަލިން ރަނގަޅުވެ އަނބިކަނބަލުންނާއި އާއިލާގެ ގާތައް ދެވުން ކަމަށް ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އަށް މިދިޔަ ހަފްތާގައި ފައްސިވުމުން ރައީސް މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ.
ރައީސް މައުމޫން މިއަދު ވަނީ އަނބިކަނބަލުން ނަސްރީނާ އަށް ވީޑިއޯ ކޯލެއް ކުރައްވައިގެން އިންނެވި މަންޒަރު ފެންނަ ފޮޓޯއަކާއި އެކު ޓްވީޓެއް ކުރައްވާފައެވެ. އެޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ އެކަހެރި ވެގެން އޮންނަ އިރު އަނބިކަނބަލުންނާއި ވާހަކަދައްކާލަން ފުރުސަތު ލިބުމުން ހާއްސަ އުފަލެއް އިހްސާސް ކުރެއްވޭ ކަމަށެވެ.
"ﷲ ގެ ހެޔޮ ރަހުމަތުން އަޅުގަނޑުގެ ހާލު އަންނަނީ ރަނގަޅު ވަމުން." ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތް ފާހަގަ ކުރައްވާ އެބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މައުމޫން ކޮވިޑް-19 އަށް ފައްސިވުމުން އާއިލާގެ ބައެއް ބޭފުޅުން ވަނީ ގޭގައި ކަރަންޓީން ވެފައެވެ. އޭގެ ތެރޭގައި މިނިސްޓަރ ޔުމްނާ މައުމޫނާއި މަޖިލިސް މެންބަރު ޣައްސާން މައުމޫން ވެސް ހިމެނެއެވެ. ޣައްސާން މިހާރު ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު އޭނާގެ ނަތީޖާ ވަނީ ނައްސި (ނެގެޓިވް) ވެފައެވެ. ރައީސް މައުމޫނާއި ގާތުން ބައްދަލުވި އެއްވެސް ބޭފުޅަކު ކޮވިޑް-19 އަށް ފައްސިވި ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
އުއްމީދަކީ އަވަހަށް އާއިލާ ކައިރިއަށް ދެވުން - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ