މިނިސްޓަރުގެ އިލްތިމާސް: ދަރިވަރުން ސްކޫލަށް ފޮނުވައިދީ

އެންމެ އިސްކަމެއް ދޭނީ ކިޔަވާ ކުދިންގެ ރައްކާތެރިކަމަށް ކަމަށާއި، ދަރިވަރުން ސްކޫލަށް ފޮނުވާ ދިނުމަށް އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.
ހަތަރު މަހުގެ ބަންދަކަށް ފަހު މިއަދު ސްކޫލްތައް އަލުން ހުޅުވާއިރު މިނިސްޓްރީން ވަނީ ސްކޫލްތަކާ ގުޅިގެން ރައްކާތެރި ގޮތެއްގައި ކިޔަވައި ދިނުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
އެގޮތުން ކްލާސްރޫމްތަކުގައި ތިބޭ ކުދިންގެ އަދަދު މަދުކޮށް، ތިން ފޫޓު ދުރުގައި ތިބޭ ގޮތް ހަދައި، ސްކޫލުގައި ހޭދަކުރާ ވަގުތުވެސް ވަނީ ކުޑަކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލް ލައިފްއަކީ ދަރިވަރުންގެ ހަޔާތުގައި ވަރަށް މުހިންމު ދުވަސްވަރެއް ކަމަށާއި، ސްކޫލަށް ގޮސްގެން ދަސްނުވާނެ ވަރަށް ގިނަ ފިލާވަޅު ހުންނާނެ ކަމަށެވެ. ނޭނގޭ އެއްޗެހި އެކުވެރިންނާއި ޓީޗަރުން ކައިރިން އަހައިގެން ދަސްކުރެވޭނެ މާހައުލެއް ލިބޭނީ ހަމައެކަނި ސްކޫލަށް ގޮސްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ދަރިވަރުންގެ ރައްކާތެރިކަން ޔަގީން ކުރާނެ ކަމަށާއި ބެލެނިވެރިން މިއަދު ސްކޫލް ހުޅުވޭއިރު ދަރިވަރުން ސްކޫލަށް ފޮނުވާ ދިނުމަށް އެދިފައިވެއެވެ.
ނިއު ނޯމަލްގެ ދަށުން ސްކޫލްތަކާ ސަރުކާރު އޮފީސްތައް އަދި ކެފޭ ރެސްޓޯރެންޓާއި ފިހާރަތައް ހުޅުވުމަށް ރައީސުލް ޖުމުހޫރިއްޔާ ވަނީ ނިންމަވާފައެވެ. ނަމަވެސް ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވުން އާދީއްތަ ދުވަހަށް ރައީސް ވަނީ ފަހުން ބަދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ