ކަށުނަމާދުގެ ޖަމާޢަތުގައި ގައިދުރުކަން ބަހައްޓަން އަންގައިފި

ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ މިދުވަސްވަރު މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ފަރުދުންގެ ރައްކާތެރިކަމަށްޓަކައި، މިއަދުން ފެށިގެން ކަށުކަމާކެމީގެ ކަންކަން ކުރުމާއި އަދި ކަށުނަމާދު ކުރުމުގައި އަމަލުކުރާނެ ގޮތް ހާމަކޮށް ނެރުނު އިއުލާނެއްގައެވެ.
އެގޮތުން އެ އިއުލާނުގައި ބުނެފައިވަނީ މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، "މަސްޖިދުއް ތަޢާވުނި" (އާސަހަރާ މިސްކިތް) ގައި ކަމަށާއި ކޮޑިވް ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައި ކަމަށެވެ.
އަދި މަސްޖިދުއް ތަޢާވުނި (އާސަހަރާ މިސްކިތް) ގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާއި ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުން ކަމަށާއި މައްޔިތާ އާސަހަރާއަށް ގެނަވުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން ވަރަށް އިސްކަން ދެއްވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެން ކަމަށާއި މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތް ކުރާ ފަރާތްތަކުން، ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، ޢިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި އެޗް،ޕީ.އޭ ގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވަނީ އަންގާފައެވެ.
އަދި ކަށުނަމާދުގެ ޖަމާޢަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގައެއް އޮންނަ ގޮތަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ