ފުވައްމުލަކު ކޮވިޑް ފެސިލިޓީން ލިބޭ ފަރުވާގެނިޒާމު ހަރުދަނާ ކުރާނަން: ހޮސްޕިޓަލް މެނޭޖަރ

ކޮވިޑް ފެތުރިގެންދާ ހާލަތަށް ބެލުމަށްފަހު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ އިތުރަށް ތަރައްގީކޮށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރަމުންގެންދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު މިހެން ވިދާޅުވީ ފުވައްމުލައް ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަހުމަދު ސައީދު ވިދާޅުވީ ކޮވިޑް ފެސިލިޓީތަކުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަން ބޮޑުވެގެންދާނެ ކަމަށެވެ.
އަދި ކޮވިޑް ފެތުރިގެން އަންނަ ހާލަތަށް ބެލުމަށްފަހު އެ ފެސިލިތީތައް އިތުރަށް ތަރައްގީކޮށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ.
ކޮވިޑުގެ ނުރައްކަލުން ފުވައްމުލަކު ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އެރަށު ކައުންސިލުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އަހުމަދު ސައީދު ވިދާޅުވީ، ރަށުގެ ކައުންސިލްގެ ޓީމާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ކޮށްދެއްވި ބުރަ މަސައްކަތަކީ އަބަދުވެސް ފާހަގަކުރާނެ މަސައްކަތްތަކެއް ކަމަށެވެ.
ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކޮށް ފަރުވާދެވޭނެ އިންތިޒާމު މިހާރު ސަރުކާރުން ވަނީ ހަމަޖައްސަދީފަ ވާއިރު ގއ، ގދ ޒޯނުގެ ކޮވިޑް ފެސިލިޓީ ގާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.
މީގެއިތުރަށް ފުވައްމުލައް ސިޓީގައިވެސް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމުކޮށްފައިވާއިރު ދެކުނުގައި ކޮވިޑްގެ މައި ފެސލިޓީއެއްގެ ގޮތުގައި ތަރައްގީކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.
މިފެސިލިޓީތަކުގައި މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ