ބޮޑެތި އަދަދުތަކުގެ ފައިސާ ދައުލަތަށް ބަލައިގަންނަނީ ޑިޖިޓަލްކޮށް!

އަންނަ އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއް ލައްކަ ރުފިޔާއާއި ފަސް ހާސް ޑޮލަރުން ފެށިގެން މަތީގެ ހުރިހާ މުޢާމަލާތްތައް ބަލައިގަންނާނީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 5 އަހަރުގެ ސްޓްރެޓަޖިކް ޕްލޭންގައިވާ ކަންކަން ފިޔަވަހިތަކަކަށް ބަހާލެވިގެން ތަންފީޒުކުރަމުންދާކަަމަށެވެ، އެގޮތުން ދައުލަތުގެ އޮފީސްތަކުން ޗެކާއި ނަގުދު ފައިސާ ބޭނުންކުރުމާއި ބަލައިގަންނަ މިންވަރު މަދުކުރުމަށްޓަކައި ފުރަތަމަ ފިޔަވަހީގައި ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ބޮޑެތި އަދަދުތަކުން ދައްކާ ފައިސާ ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތުމަށް ނިންމާފައިވެއެވެ. އަދި 1 އޮކްޓޫބަރުން ފެށިގެން އެއް ލައްކަ ރުފިޔާ އަދި ފަސް ހާސް ޑޮލަރުން މަތީގެ ހުރިހާ މުޢާމަލާތްތައް ބަލައިގަންނާނީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށެވެ. މީގެ ތެރޭގައި އާންމުންނާއި ވިޔަފާރިތަކުން ދައްކާ ޓެކްސް، ޑިއުޓީ އަދި އެކިއެކި ފީގެ ގޮތުގައި ދައްކާ ފައިސާ ހިމެނޭނެއެވެ.
އެހެންކަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޕްލޭން އާއި އެއްގޮތަށް ދައުލަތުގެ ހުރިހާ އޮފީސްތަކަކުން ޢަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ