ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް، އައްޔަންކުރައްވާ، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ.
ޑރ.މައުސޫމްއަކީ ރައީސް މައުމޫންގެ ވެރިކަމުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޑރ.މައުސޫމް އެންމެ ފަހުން ހުންނެވީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައ ހުންނަވާ ސަފީރުގެ މަގާމެވެ.
ޑރ. މައުސޫމް ޓުރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ ސިންގަޕޫރުން ރާއްޖެ ވަޑައިގެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.
ޑރ. މައުސޫމް ޓުރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް މި އައްޔަން ކުރެއްވީ، އެމަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރެއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.
ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދަށް ކުރެވުމުން ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިއެވެ. ނަމަވެސް ރައީސް އެންގެވިގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސްވަނީ އަލީ ވަހީދު މަގާމުން ވަކިކުރައްވާފައެވެ.
އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރެވޭ އެތުހުމަތުތައް ދޮގުރައްވާ، ކޮންމެސް ދުވަހަކުން ހަގީގަތް އެނގޭނެ ކަމަށް ވިދާޅުވެފައެވެ.
އަލީ ވަހީދު ވަކި ކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން އޭރު ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ.
ކޯލިޝަން ސަރުކާރުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރުގެ މަގާމަކީ ޖުމްހޫރީ ޕާޓީއަށް އޮންނަ ސްލޮޓެކެވެ.
އެމަގާމުގައި ކުރިން ހުންނެވި އަލީ ވަހީދަކީ ޖޭޕީގެ ރައީސެވެ. އަލީ ވަހީދު ވަކިކުރައްވައި ޓުރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޑރ. މައުސޫމްއަކީވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ