ޖޭޕީއަށް ދިޔައީ ގާސިމް "އޮންބޯޑު" ކުރަން: އަލްހާން

އެމްޑީޕީ ދޫކޮށް ޖުމްހޫރީ ޕާޓީއަށް ދިޔައީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
~
ފޭދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯދެއްވުމުގެ ކެމްޕޭން މާލޭގައި ލޯންޗު ކުރުމަށް ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ޖޭޕީއާ ގުޅުނީ "ގާސިމާއި ނުލައި" އިންތިހާބެއް ކާމިޔާބު ކުރުމަކީ ދަތި ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.
"އަޅުނގަޑު މަސައްކަތްކުރީ އެމްޑީޕީގެ ހެވައި ލާބަޔަށް. އޭރު ވެސް. އެއް އިރެއްގައި ވެސް ގާސިމް ރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމަކަށް ގަބޫލު ކޮށްގެނެއް ނޫން. އެހާ މޮޔައެއް ނޫން އަޅުގަނޑެއް،" އެމްޑީޕީ ޕްރައިމަރީއެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފޭދޫ ދާއިރާއަށް ނުކުންނަވާ އަލްހާން ވިދާޅުވި އެވެ.
"ޕޮލިޓިކްސް މިވޯކް ކުރަނީ ވަކިގޮތަކަށް. ރައީސް ނަޝީދު އެހެންވެގެން އެ ވިދާޅުވީ އަޅުނގަޑު ދިއައީ މަސައްކަތެއްގައޭ. ރައީސް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަޅުނގަޑު ކުރަމުންދިޔައީ ގާސިމް 'އޮންބޯޑު' ކުރުމުގެ މަސައްކަތްކަން، ނަމަވެސް އެކަން ނުވެގެން އެ ދިޔައީ،"
ޕާޓީ ބަދަލުކުރައްވާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ އެ ކަމަށް ރައްދުދެއްވަމުން އަލްހާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް މިހާރު ކަނޑައެޅޭހާ ހިނދެއްގައި ޕާޓީގެ ވިޕެއް މުގުރައެއް ނުލައްވާނެ ކަމަށާއި އެކަން ދާދިފަހުން މަޖިލީހުން ވެސް ފެނިގެން ގޮސްފައިވާނެ ކަމަށެވެ. ނަމަވެސް ގައުމުގެ މަސްލަހަތަށް ފުށުއަރާ ކަމެއް އެމްޑީޕީން ނިންމި ކަމުގައިވާނަމަ އެކަމަށް ތާއީދެއް ނުކުރައްވާނެ ކަމަށް ވެސް މިރޭ އަލްހާން ވިދާޅުވި އެވެ.
އެގޮތުން ޕްރައިމަރީގައި ވާދަކުރައްވާ ކޮންމެ ބޭފުޅަކު ހޮވިވަޑައިގަތަސް ބަލި ގަބޫލުކޮށް ހޮވުނު ބޭފުޅަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަލްހާންއާ އެކު މިފަހަރު ފޭދޫ ދާއިރާއަށް ނުވަ މެންބަރަކު ވާދަކުރެއެވެ.
އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހު ޑީއާރުޕީގައި ހުންނަވައި ޑރ. ޝަހީދުއަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުން އެމްޑީޕީއަށް ވިކުނު ކަމަށް ވެސް ވަރަށް ގިނަ މީހުން ބުނި ކަމަށެވެ. ނަމަވެސް ގޮނޑި ބޭނުންކޮށްގެން އެއްވެސް ނާޖާއިޒް ފައިދާއެއް ހޯދައިފައިނުވާނެ ކަމަށެވެ.
"އަޅުގަނޑަށް ލާރި ދީފަ އަޅުނގަޑު ލައްވައި ވޯޓުލި މީހަކު މިގައުމުގައި ނުހުންނާނެ. އެއްވެސް މީހަކު އަތުން ފައިސާ ނަގައިގެން ކުރިއެއްވެސް ކަމެއް ނޯންނާނެ. އެކަން ސާބިތުކޮށްދޭން ހަމަ އަންނަންވީންތޯ،" އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮތުގައި ފޭދޫ ދާއިރާގެ މެމްބަރުކަން ކޮށްލުމުގެ ބަދަލުގައި ރައީސް ކަމަށް ވެސް ކުރިމަތިލުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. "...ފޭދޫ ގޮނޑީގައި މިހެން އިނދެލަން ވެސް ބޭނުންވާ މީހަކަށް ނުވާތީ އާއި އަޅުނގަޑަކީ ކުރިއަށް އޮތްތާނގައި އިތުރު ޕޮލިޓިކަލް އިންސްޕިރޭޝަން ހުންނާތީ، މިސާލަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔަގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުމެއް ވެސް އެބަ އޮތް،" އަލްހާން ވިދާޅުވި އެވެ.
ޑީއާރްޕީގެ ޓިކެޓުގައި 2009 ވަނަ އަހަރު މަޖިލިސް އިންތިހާބަށް ވާދަކުރައްވައި، މަޖިލިސް މެމްބަރުކަން ހޯދެއްވި އަލްހާން ފަހުމީ އެ ޕާޓީން ވަކިކުރުމުން، އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 17، 2010 ގަ އެވެ. އަދި އެޕްރީލް 30، 2011ގައި ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އާންމު މެމްބަރުންގެ 7،700 އަށް ވުރެ ގިނަ ވޯޓާއެކު އެ ޕާޓީގެ ނައިބު ރައީސް ކަމަށް އަލްހާން ވަޑައިގެންނެވި އެވެ. ނަމަވެސް އެ މަގާމުގައި އަލްހާނަށް ދެމިހުންނެވުނީ އަހަރެއްހާ ދުވަހަށެވެ. އެއީ 365 ދުވަހަށެވެ. އެޕްރީލް 30، 2012 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކުން އަލްހާން މަގާމުން ވަކިކުރި އެވެ.
އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ޖޫން 3، 2012 ގަ އެވެ. ނަމަވެސް އޭގެ ފަސް މަސް ފަހުން އެ ޕާޓީން އަލްހާން ވަކިވެވަޑައިގެން ހުންނެވީ މިނިވަނަކަށެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވިތާ އަހަރެއް ފަހުން ޖެހިގެން އައި އަހަރު ޖޫން 3، 2013ގައި އަލްހާން އެނބުރި ވަޑައިގެންނެވީ އެމްޑިޕީއަށެވެ.
އަލްހާން ވިދާޅުވާ ގޮތުން އޭނާ ޕާޓީއަކާ "ނުކުޅެ" އެވެ.
"ޕާޓީން އަބަދުވެސް އަހަންނާ ކުޅެނީ... އަޅުގަނޑު މަސައްކަތްކުރަން، އެމްޑީޕީ އިހްތިޔާރުކޮށްގެން މި ހުރީ ދާއިމީ ގޮތެއްގައި އެ ހިދުމަތް ރައްޔިތުންނަށް ދޭން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ