އައިއޯއައިޖީގައި ރާއްޖެއިން ހޯދާ މެޑަލްތަކަށް ސަރުކާރުން ބޯނަސް ފައިސާ ދެނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އެތްލީޓުންނާއި ޓީމްތަކުން ހޯދާ މެޑަލްތަކަށް ސަރުކާރުން ބޯނަސް ފައިސާ ދޭނެކަމަށް ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޒުހޫރު ވިދާޅުވީ ހުރިހާ ކުޅިވަރުތަކަކަށް ޚަރަދު ކުރަމުންދަނީ ޕޫލް ބަޖެޓަކުން ކަމަށާއި ބަޖެޓްގައި އަންދާޒާކޮށް ތަފާސްހިސާބު ލިބިފައިވާ މިންވަރަށް ބަލާއިރު އެކަމަށް ބޭނުންވާ ފައިސާ ބަޖެޓް ކުރެވިފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ މުބާރާތަކުން ގިނަ އަދަދަކަށް ރަން މެޑަލް ހޯދައިފިނަމަ ސަރުކާރުން ދޭން ޖެހޭ އިނާޔަތް ބޮޑު ކުރަން ޖެހުނަސް ރައީސްލްޖުމްހޫރިއްޔާއަށް އެއަދަދު އިތުރު ކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ. "އެއަށްވުރެ މާބޮޑަށް އަދަދު އިތުރު ކުރަން ޖެހުނަސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ނަމަވެސް އެއަދަދު ސަރުކާރުން އިތުރު ކުރާނެ،" ޒުހޫރު ވިދާޅުވިއެވެ. "އެކަމަކީ މިއަދުގެ ސަރުކާރުން ކޮށްދެއްވާނެ ކަމެއް އެފަދަ ކާމިޔާބު ހޯދާ ފަރާތްތައް ސަރުކާރުން ފާހަގަ ކުރާނެ ދެއްވަން ޖެހޭ އިނާޔަތްތަކެއްވެސް މިސަރުކަރުން ދެއްވަމުން ގެންދަވާނެ،" އަންނަ މަހުގެ 1 އިން 8 ވަނަ ދުވަހުގެ ނިޔަލަށް ރީޔުނިއަންގެ ވެރިރަށް ސެންޓި ޑެނިސްގައި ބޭއްވުމަށް ހަމަޖެހިފައިވަ އައިއޯއަިޖީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެޓްގެ އަމާޒަކީ މަދުވެގެން 15 ވަރަކަށް މެޑަލް ހޯދުންކަމަށް އޮލިމްޕިކް ކޮމިޓީއިން ވަނީ ބުނެފައެވެ. އައިއޯއައިޖީގައި ރާއްޖެއިން 10 ކުޅިވަރަކުން މުބާރާތުގައި ވާދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ