އިނގިރޭސި ބޮޑުވަޒީރު ބަރުލަމާނު މެދުކަނޑައިލެއްވީ ރަނގަޅަށްތޯ އެޤައުމުގެ ސުޕްރީމް ކޯޓުން ބަލަނީ

އިނގެރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ މައްސަލަ އެޤައުމުގެ ސުޕްރީމު ކޯޓަށް ހިނގައްޖެއެވެ. މިހަފުތާގައި ބޮޑުވަޒީރު ޖޯންސަންގެ ސަރުކާރުން، އިނގެރޭސި ބަރުލަމާނު ވަގުތީ ގޮތުން މެދުކަނޑައިލުމަކީ ޤާނޫނީ ގޮތުން ޞައްޙަ ޢަމަލެއް ކަން ސާބިތުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. އެއީ ސްކޮޓުލޭންޑުގެ ކޯޓަކުން ބޮރިސްގެ ސަރުކާރުން ބަރުލަމާނާމެދު ނިންމި ނިންމުން ޣައިރު ޤާނޫނީ ނިންމުމެއް ކަމުގައި ކަނޑައަޅާފައިވާތީ އިސްތިއުނާފުކުރާ މަރުޙަލާއެކެވެ. އޮގަސްޓު މަހުގެ 28ވަނަ ދުވަހު ބޮރިސް އިޢުލާނުކުރެއްވި ގޮތުގައި އޭނާ ރާނީގެ އަރިހުން ބަރުލަމާނު ވަގުތީ ގޮތުން މެދުކަނޑައިލެއްވުމަށް އެދިވަޑައިގަތީ އައު ތަޝްރީޢީ ނުވަތަ ޤާނޫނު ހެދުމުގެ އެޖެންޑާއެއް އިޢުލާނުކުރެއްވުމަށްޓަކައެވެ. ނަމަވެސް މިނިންމުމަށް ފާޑުވިދާޅުވާ ފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުގައި މިނިންމުމަކީ ބޮރިސް އިނގެރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ނެރުއްވުމަށް ގެންގުޅުއްވާ ރޭވުމަށް ގޮންޖެހުންތައް ކުޑަކުރެއްވުމަށާއި ފާޑުކިއުމުގެ ފުރުޞަތުތައް ހަނިކުރެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. އޭނާ މަސައްތަކަތްކުރައްވަނީ 31 އޮކްޓޯބަރުގައި އެއްބަސްވުމަކާ ނުލައި ނަމަވެސް އެޤައުމު ވިލާތުގެ އިއްތިޙާދުން ބޭރުކުރެއްވުމަށެވެ. މިދިޔަ ބުދަދުވަހު ސޮކޮޓްލޭންޑުގެ އެންމެ މަތީ ކޯޓުން ނިންމާފައިވަނީ ބޮރިސްގެ ނިންމެވުން ބާޠިލުކަމަށާއި އެއީ ބަރުލަމާނުގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމަށް ކުރައްވާ ކަމެއް ކަމުގައެވެ. އެހެންނަމަވެސް އޭގެ ހަފުތާއެއް ކުރިން އިނގެރޭސިވިލާތުގެ ހައިކޯޓާއި ވޭލްސްގެ ހައިކޯޓުން ހަމަ އެބާވަތުގެ މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްފައިވެއެވެ. ނަމަވެސް ބޭރުކޮށްލި ދޭކޭހާއި އަދި ސްކޮޓްލޭންޑުގެ ކޯޓުގެ ނިންމުމުގެ އިސްތިއުނާފު އިނގެރޭސި ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު، އެކޯޓުގެ 11 ފަނޑިޔާރުން ބޮރިސް ރާނީއަށް ދެއްވި ލަފައަކީ ޤާނޫނީ ގޮތުން ޞައްޙަ ނުވަތަ ޣައިރު ޤަނޫނީ ލަފައެއްކަން ކަނޑައަޅާނެއެވެ. ބޮރިސްގެ ނިންމެވުމާ ދެކޮޅު ފަރާތްތައް ބޭނުންވަނީ ކޯޓުން އެފަރާތްތަކާ އެއްކޮޅަށް މައްސަލަ ނިންމައިފިނަމަ، ވީހާވެސް އަވަހަކަށް ބަރުލަމާނު އަނބުރައި މަސައްކަތަށް އައުމެވެ. އަދި ބައެއް ފާޑުކިޔުންތެރިން ޤަބޫލުކުރާ ގޮތުގައި ބޮރިސްގެ ރާނީއަށް އެރުވި ލަފާ ޞައްޙަކަމުގައި ނުވާނަމަ، އޭނާ މަޤާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ