'ރައީސް ޔާމީން 2018' ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ
'ރައީސް ޔާމީން 2018' ގެ ނަމުގައި 55000 ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް މިއަންނަ ފިތުރު ޢީދުގައި އޭދަފުށީގައި ބޭއްވުމަށް އިޢުލާންކޮށްފިއެވެ. މިމުބާރާތް އިންތިޒާމު ކުރާ އޭދެފުށީ ޒުވާނުންގެ ކުލަބް ސީއީއޯ މުޙަމަދު ޒާހިދު (ބައްޓޭ) ސަންއަށް ވިދާޅުވީ މިނިވަން 50 ގެ ޙަރަކާތްތަކާ ގުޅިގެން ބާއްވާ މިމުބާރާތުގައި އޭދަފުށީގެ ޓީމްތަކުގެ އިތުރުން ބ. އަތޮޅުގެ ރިސޯޓްތަކާއި ރަށްރަށަށްވެސް މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބައްޓޭ ވިދާޅުވީ އެ މުބާރާތުގައި 8 ޓީމް ނުވަތަ 10 ޓީމް ބައިވެރިކުރަން ހަމަޖެހިފައިވާ ކަމަށެވެ. "މުބާރާތުގައި ބައިވެރިވުމަށް ޓީމްތަކަށް އިންވައިޓް ކުރަނީ ރަނގަޅު ފެންވަރުގެ މުބަރާތަކަށް ހެދުމަށްޓަކައި ރަނގަޅު ފެންވަރުގެ ޓީމްތަކެއް ބައިވެރި ކުރުމަށް. ޓީމްތައް މާގިނަ ވެއްޖެނަމަ މުބާރާތް ބާއްވަން ބޭނުންވާ ފެންވަރުގައި ނުބޭއްވިދާނެތީ،" ބައްޓޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ސްކޮޑުގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. މިމުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސްލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުވަތަ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ދައުވަތު ދެއްވުމަށް މަސައްކަތް ކުރަމުންގެން އަންނަ ކަމަށް ވެސް ބައްޓޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ