އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންޓު ކަނޑާލީ ބިލާ ހަވާލު ނުވުމުން: ފެނަކަ
އައްޑޫ ސިޓީގައި ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލުން ކަރަންޓު ކަނޑާލީ އެ ހޮސްޕިޓަލުން ކަރަންޓު ބިލާ ހަވާލު ނުވުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. އެ ހޮސްޕިޓަލުން ކަރަންޓު ކަނޑާލުމާ ގުޅިގެން އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އިއްޔެ މީޑިއާތަކާ ދެއްކެވި ވާހަކަތަކާ ހަވާލާދީ ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުން ވެސް ކަރަންޓު ކަނޑާލީ ކުންފުނީގައި އަމަލު ކުރަމުންދާ ކަރަންޓު ހިދުމަތްދިނުމާ ބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. "ވިޔަފާރި ކަސްޓަމަރުންނަށް ދެމުން އައި ސަބްސިޑީ ހުއްޓާލުމާ ގުޅިގެން ލުއި ގޮތެއް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ވިޔަފާރި ކެޓަގަރީތަކުގެ ކަސްޓަމަރުންނަށް ފޮނުވުނު މާޗް 2015 ގެ ކަރަންޓް ބިލާއި ގުޅިގެން 30 އޭޕްރީލް 2015 ވަނަ ދުވަހުގެ ނިޔަލަށް ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ ނުވާ ގޮތަށް އަދި، އޭޕްރީލް 2015 ގެތެރޭގައި އެއްވެސް ވިޔަފާރި ކެޓަގަރީގެ ކަސްޓަމަރެއްގެ ކަރަންޓް ބިލް މުއްދަތުގައި ފައިސާ ނުދައްކައިގެން ކަރަންޓު ކަނޑާނުލާ ގޮތަށް ކުންފުނިން ވާނީ ހަމަޖައްސާފަ އެވެ،" ފެނަކަ ކޯޕަރޭޝަންގެ ބަޔާނުގައިވެ އެވެ. ނަމަވެސް މެއި އެކެއް އިން ފެށިގެން އެހެން ކެޓަގަރީގެ ކަސްޓަމަރުންނެކޭ އެއްގޮތަށް ވިޔަފާރި ކެޓަގަރީގެ ކަސްޓަމަރުން ވެސް ޖޫރިމަނާވުމާއި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ތެރެއިން ނޯޓިސް ފޮނުވުމަށްފަހު ކަރަންޓް ކަނޑާލެވޭނެކަން އިއުލާނުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންކަމުން ހަގީގަތެއް ނުބަލައި ކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި ތިބި އާންމު ރައްޔިތުންގެ ދޭތެރޭ އިތުބާރު ގެއްލި ކުންފުންޏާ ދޭތެރޭ ދެކޭގޮތް ބަދަލުވާގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށް އެ ކުންފުނިން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ