އިބްރާހިމް މުހަންމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވަންވާނީ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވުން ނޮވެމްބަރު 17 އަށް ލަސްކުރަންޖެހޭނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސްކަމުގެ ހުވާކުރެއްވުން ނޮވެމްބަރު 17 އަށް ލަސްވެގެންދިޔައީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ނުނިމި ކޯޓުތަކުގެ އެކި މަރްހަލާތަކުގައި ލަސްވެ، ސުޕްރީމް ކޯޓުން ނެރުއްވި ވަގުތީ އަމުރެއްގެ ދަށުން ކަމަށެވެ.
އެހެންނަމަވެސް، ވެރިކަމުގެ ފަސްއަހަރުގެ ދައުރެއް ހަމަވާ ދުވަހަކަށް ވާންޖެހޭނީ ރާއްޖޭގައި ގަދީމީގޮތުން ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާހޮތް އެބައޮތް، ނޮވެމްބަރ 11 ގައޭ އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރައްވަންވާނީ. ނޮވެމްބަރު 17 އަށް ކޮންމެހެން ލަސްކުރަންޖެހޭނެ ކަމަކަށް ނުދެކެން. އެއީ މިހާރުވެސް ނޮވެމްބަރ 11 ފާހަގަ ކުރަމުންދަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައި. 2013 ގައި އިންތިޚާބުގެ ކަންކަން ނުނިމި ކޯޓުގައި އެކި މަރްހަލާގެ ތެރޭގައި ފަސްވެގެން ދިޔަނަމަވެސް، ނޮވެމްބަރު 17 އަށް ލަސްވެގެންދިޔައީ ސުޕްރީމް ކޯޓުން ނެރުއްވި ވަގުތީ އަމުރެއްގެދަށުން. އެހެން ނަމަވެސް، 5 އަހަރު ހަމަވެގެންދާ ދުވަހަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ގަދީމީގޮތުން ފެށިގެން އަންނަ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ނޮވެމްބަރު 11" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މިހާރު ރައީސްކަމުގަ ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ނޮވެމްބަރު 11 އަށް 5 އަހަރުގެ މުއްދަތެއްގަ މަގާމު އަދާކުރެއްވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން، ވެރިކަން ބަދަލުވެގެންދާޖެހޭ ދުވަހަކީ ނޮވެމްބަރު 11 ނޫންބާވައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ. މިކަން މުޅިން ސާފުވެވަޑައިގަންނަވާނީ ގާނޫނީ ބޭފުޅުންނާ އިތުރަށް ވާހަކަ ދައްކާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް މުހަންމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރައްވަންވާނީ ނޮވެމްބަރ 11 ގައި ކަމަށް ދެކެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ