ޔާމީން ވަނީ މަންފާ ލިބޭގޮތަށް އެމްއެމްޕީއާރުސީ ފައިސާ ބޭނުންކޮށްފައި: ފުލުހުން

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާ މަންފާ ލިބޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް އެއް މިލިއަށް ޑޮލަރު ޖަމާކުރި މައުލޫމާތު ލިބިގެން އެފައިސާ ދައުލަތާއި ހަވާލު ކުރުމަށް އެންގި ކަމަށެވެ. "އެ ފައިސާ ދައުލަތާ ހަވާލުކުރަން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދެންނެވުމުން އެފައިސާ ދައުލަތާއި ހަވާލު ނުކޮށް އެމަނިކުފާނުގެ ނަމުގައި އެ ބެންކުގައި [އިސްލާމިކް ބެންކުގައި] ހުޅުވާފައިވާ އެކައުންޓުތަކުގައި އެފައިސާ ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެއްވިފައިވޭ." ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އެމައްސަލާގައި މަނީ ލޯންޑަ ކުރި ކަމުގެ ދައުވާ ޔާމީންގެ މައްޗަށް އުފުލައި ދިނުމަށް އެދި މިރޭ ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އަދި އެމައްސަލާގައި ފުލުހުންނަށް ދޮގު މައުލޫމާތު ތިން ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ލީގަސް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އަދި ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ. އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ތިން ފަހަރެއްގެމަތިން ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ