މީހަކަށް 150،000ރ. ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގް އަށް 150،000 ޑޮލަރު ދައްކަން ނަޝީދުގެ މައްޗަށް ހުކުމްކުރީ އަލަކާ އިންވެސްޓްކުރި "ބަރުތީލަ" ކިޔާ ކަނޑު އުޅަނދެއް އެހެން މީހަކަށް ވިއްކުމުގެ މުއާމަލާތަކާ ގުޅިގެންނެވެ.
އެ މައްސަލާގައި ނަޝީދާ ދެކޮޅަށް އަލަކާ ދައުވާކުރީ އެ އުޅަނދު އެހެން މީހަކަށް ވިއްކާލާފައިވަނީ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށްވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ނަޝީދުގެ ފަރާތުން އަލަކާ އަށް 150،000 ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށް ބުނެ އެވެ. އެ އުޅަނދު 400،000 ޑޮލަރަށް ވިއްކުމަށް ނިންމުމަށް ފަހު، 250،000 ޑޮލަރަށް ވިއްކުމުން، ބާކީ އޮތް 150،000 ޑޮލަރަކީ ނަޝީދުގެ ފަރާތުން އަލަކާއަށް ދޭން ޖެހޭ އެއްޗެއް ކަމަށް އެ ދައުވާގައިވެ އެވެ.
އެކަމަކު ނަޝީދުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ގާނޫނީ ގޮތުން ބަނދެވޭ އެފަދަ އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށާއި އެ ބަދަލަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ގާޒީ މުހައްމަދު ހަލީމް އިއްވެވި ހުކުމުގައިވަނީ އެ އުޅަނދު ވަކި އަގަކަށް ވިއްކާލީ ނަޝީދުގެ ލަފާގެ މަތިން ކަމަށާއި އެކަމުގެ ސަބަބުން އަލަކާ ކުރި އިންވެސްޓްމަންޓުން މަދުވާ ފައިސާ ދެއްކުމަކީ ނަޝީދުގެ ޒިންމާއެއް ކަން އަލަކާ އަށް ނަޝީދު ފޮނުއްވި އީމެއިލްއަކުން އެނގޭ ކަމަށެވެ. އަދި އެ ފައިސާ އަކީ ނަޝީދު ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން އެކަން އަލަކާ އަށް އަންގާފައިވަނީ ކުރީގެ އީމެއިލްގައިވާ ހުށަހެޅުމަށް އަލަކާ އެއްބަސްވި ފަހުން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެހެންވެ، 150،000 ޑޮލަރު އަލަކާއަށް ދައްކަން ނަޝީދު އެއްބަސްވެފައިވާ ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ. ހުކުމުގައި އަންގާފައިވަނީ މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.
ދޮޅުލައްކަ ޑޮލަރު ދައްކަން މެމްބަރު ނަޝީދުގެ މައްޗަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ