ޕީޕީއެމުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަންނަން އެ ކޯޓުން ނިންމިކަން އަދި އެނގިފައެއް ނުވެއެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިޖުރާއުތައް ފުރިހަމަ ނުވާތީ ކަމަށް ބުނެއެވެ. ކޮމިޝަނުގެ މި ނިންމުމާއެކު ޕީޕީއެމުންް ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.
އެގޮތުން އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ ޕީޕީއެމުން ސެޕްޓެމްބަރު ފަހުކޮޅު ބޭއްވި ކޮންގްރެސް ސައްހަ ކަމަށާއި އެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބަދަލާއި އިންތިހާބު ކުރި އިންތިހާބު ކުރި މަގާމުތައް ވެސް ސައްހަ ކަމަށް ކަނޑައަޅާފައެވެ.
އަދި ޕީޕީއެމްގެ މަގާމުތަކަށް އިންތިހާބު ކުރި މީހުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ޖެއްސުމަށް ވެސް ހައިކޯޓުން އަމުރުކޮށްފައިވެއެވެ.
ރިޔާސީ އިންތިހާބަށްފަހު ބޭއްވި އެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ހަތަރު ނާއިބު ރައީސުންނާއި އެހެން އިސް މަގާމުތަކަށްވެސް މީހުން އިންތިޚާބުކޮށްފައެވެ.
ޕީޕީއެމް ކޮންގްރެސް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ